07 May 2017, 08:38
ގާޒާ (މެއި 6): ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ ހަމާސް ޖަމާއަތުގެ ލީޑަރު ކަމަށް އައްޔަންކޮށްފި އެވެ.
ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯގެ މަގާމަށް ހަނިއްޔާ އައްޔަން ކުރީ މިއަދު ގާޒާ އާއި ދޯހާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގި ވޯޓަކުންނެވެ. އެއިންތިހާބުގައި ހަނިއްޔާއާ ވާދަކުރެއްވި ފަރާތްތަކުގެ ތެރޭގައި އެޖަމާއަތުގެ އިސް ލީޑަރުން ކަމަށްވާ މޫސާ އަބޫ މަރުޒޫކު އާއި މުހައްމަދު ނައްޒާލް ހިމެނެ އެވެ.
ހަނިއްޔާގެ ކުރިން އެމަގާމުގައި ހުންނެވީ 1996 ވަނަ އަހަރު އެމަގާމަށް ވަޑައިގަތް ޚާލިދު މިޝާލް އެވެ.
ހަމާސް ޖަމާއަތާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ އަންދަލޫ ނޫސް އޭޖެންސީގައިވާ ގޮތުން އެޖަމާއަތުގެ ލީޑަރު ކަމަށް ހަނިއްޔާ އިންތިހާބު ވުމުން އޭނާ ދެން ދިރިއުޅުއްވާނީ ގާޒާއިން ބޭރުގައި އެވެ.
"އިސްރާއީލުގެ (ހަމަލާއެއްގެ) އަމާޒަކަށް (ހަނިއްޔާ) ވެދާނެތީ އޭނާ ގާޒާގައި ދިރިއުޅުއްވުމަކީ ނުރައްކާތެރި ކަމެއް. އަދި މަގާމުގެ ގޮތުން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރަންވެސް ޖެހިވަޑައިގަންނަވާނެ،" ހަމާސްއާ ގުޅުން ހުރި ފަރާތަކުން ބުންޏެވެ.
ދެހާސްހަ ވަނަ އަހަރު ފަލަސްތީނުގެ ބޮޑުވަޒީރު ކަަމަށް އިންތިހާބުވި ހަނިއްޔާ އިންތިހާބުވިތާ އެއް ފަހަރު މަގާމުން ދުރު ކުރެއްވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެވެ. ނަމަވެސް ހަމާސްގެ ބާރުގެ ދަށުގައި އޮތް ގާޒާގެ ބޮޑުވަޒީރުކަމުގައި އޭގެ ފަހުންވެސް ހުންނެވީ ހަނިއްޔާ އެވެ. (އޭއެފްޕީ)