ޕެރިސް (މެއި 6): ފްރާންސުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެމަނުއެލް މެކްރޮން އަށް ކެމްޕެއިން ކުރަން އުޅުއްވުމުގެ ތެރޭގައި ފްރާންސުގެ މަޖިލިސް މެމްބަރަކު ނިޔާވެއްޖެ އެވެ.

އޭއެފްޕީގައިވާ ގޮތުން އުމުރުން 50 އަހަރުގެ ކޮރިން އާހެލް ނިޔާވީ އިއްޔެ އޮތް ރެލީއެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް ބިންމައްޗަށް ވެއްޓުމަށްފަހުގަ އެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔުމުން ނިޔާވެފައިވާ ކަން ޑޮކްޓަރުން ޔަގީންކޮށްދިން ކަމަށް ރިޕޯޓުގައިވެ އެވެ.

ފްރާންސުގެ ރައީސް ފްރާންސުވާ ހޮލާންޑޭ ވަނީ އާހެލް އަކީ "2007 ވަނަ އަހަރުން ފެށިގެން މަޖިލިސް މަސައްކަތް އިސްކަންދެއްވަމުން ވެސް ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވެވި މަޖިލިސް މެމްބަރެއް" ކަމަށް ވިދާޅުވެފަ އެވެ.

އާހެލް ތާއިދު ކުރެއްވި މެކްރޮން އަކީ ފްރާންސުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން އެންމެ ބޮޑަށް ބެލެވޭ ކެނޑިޑޭޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވަނީ ކަނާތު ފިޔައިގެ ކެނޑިޑޭޓު މަރީން ލަ ޕެން އެވެ. (އޭއެފްޕީ)