މިއަދު ވޯޓު ނަގާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރުމުން އިލެކްޝަން ކޮމިޝަނުން ނިންމުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެދުނު 8 ޖެހި އިރު ވޯޓުލުން ފެށުނު ފޮށިތައް ބަންދުކުރުމަށް ކުރިން ނިންމާފައި އޮތީ ހަވީރު 4 ޖަހާއިރު އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ގަޑި އިރުއޮއްސި 6 އަށް އިތުރުކޮށް، އަދި ގަޑިއަށް ނުފެށުނު ފޮށިތައް ރޭގަނޑު 8 އަށް ބަންދުކުރުމަށް ނިންމި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ އާންމު އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން ވޯޓުލުން ލަސްކުރެވޭނެ އޮންނާނީ އެންމެ ގޮތެއް ކަމަށާއި އެއީ ހަވީރު ހަތަރެއް ޖަހާއިރު ވޯޓުލާން ކިޔުގައި ބަޔަކު ތިބި ނަމަ އެބަޔަކަށް ފުރުސަތު ދިނުމަށް އެކަނި ކަމަށެވެ.

"އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް ނިންމަވާފައި މިއޮތީ ހަވީރު ހަޔަކަށް ވޯޓުލުން އިތިރުކުރުމަށް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޕާޓީތަކުގެ ގިނަ އަދަދެއްގެ މީހުން ވަނީ ހަވީރު ހަތަރެއް ޖަހަންވާއިރަށް ވޯޓުލުމަށް ނިކުމެފައި ކަމަށާއި އެ ބަދަލު ގެނައީ ވޯޓަށް ނާޖާއިޒު ނުފޫޒެއް ފޯރުވުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ހުސެން ރަޝީދު އަހުމަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރަނގަޅަށް ތައްޔާރުވި ނަމަ ހުރިހާ މަރުކަޒެއްގައި ވެސް ގަޑިއަށް ވޯޓުލުން ފެށުނީސް ކަމަށާއި ވަގުތު އިތުރު ކުރުމަށް ނިންމުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ އިންތިހާބުން ވަކި ނަތީޖާއެއް ނެރުމަށް ޓަކައި ސަރުކާރު ހިންގާ ޕާޓީއަށް އިތުރު ފުރުސަތު ދިނުމަށް ޓަކައި ކުރެއްވި ކަމެއް ކަމަށް. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުގެ ނަޒާހަތްތެރިކަމާ މެދު އެމީހުނަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ދާ ކަމެއް މިކަމަކީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ވަކި އަދަދެއްގެ މީހުން ވޯޓުލާން ނެރުމެއް ނޯންނާނެ ކަމަށާއި އެ އިދާރާ އިން ކުރަން ޖެހޭނެ ކަމަކީ އިލެކްޝަން އޮންނާނެ ދުވަހާއި ގަޑި ހާމަކުރުން ކަމަށެވެ.