10 Jul 2011, 12:43
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވާ ނައިޓް މާކެޓް މާލޭ ލޮނުޒިޔާރަތް ކޮޅުގައި މިރޭ ފަށާނެ އެވެ.
ބާޒާރު ފަށާނީ މިރޭ 8:00 ޖަހާއިރު ކަމަށް ވެސް ޖަމިއްޔާއިން ބުންޏެވެ. "އުނގުޅޭ ބާޒާރު" ނަމުން މަޝްހޫރުވެފައިވާ ބޮޑު ވިޔަފާރި ބާޒާރު ހުޅުވައި ދެއްވާނީ ފަރެސް މާތޮޑާގެ މެންބަރު އަދި ކުރިން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގައި މަސައްކަތް ކުރެއްވެވި އިބްރާހިމް މުއްތަލިބު ކަމަށް ވެސް އެ ޖަމިއްޔާއިން މިއަދު ބުންޏެވެ.
ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު ވިދާޅުވީ 450 މޭޒު ބަހައްޓާފައިވާ މަގުމަތީ ބާޒާރު، ބޮޑުތަކުރުފާނު މަގުގައި ހުންނަ "ޓަސްކަލޫސާ" ކެފޭ ކައިރިން ފެށިގެން ގޮސް އަމީނީމަގު ސްޓެލްކޯއާ ހަމައަށް ދެމިގެންދާނެ ކަމަށެވެ.
މިފަހަރުގެ ނައިޓް މާކެޓް މިރޭ ހުޅުވަން ތައްޔާރު ވެފައިވާއިރު ކަރަންޓާއި އެހެނިހެން މަސައްކަތެއް ނިމިފައިވާ ކަމަށާއި، ނައިޓް މާކެޓް ކުރިއަށް ދާނީ މިރެއިން ފެށިގެން 10 ދުވަހަށް، ކޮންމެ ރެއަކު 8:00 ން މެންދަމު 12:00 އަށް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
" މޫސުމް ގޯސްވެއްޖެނަމަ އޮތީ ކެންސަލްކުރާ ގޮތަށް، ނަމަވެސް ކެންސަލް ކުރާ ރެއަކަށް، ރެއެއް އަޅުގަނޑުމެން އިތުރުކުރާނަން، އަދި ލޮނުޒިޔާރަތް ކޮޅުގައި އުދައަރާ ސަރަހައްދުގައި އަޅުގަނޑުމެން ހުންނާނީ އުދައަރާ ފާނެކަމަށް ފެންސުވެސް ޖަހާފައި،" އަދީބު ވިދާޅުވި އެވެ. އަދި ވިދާޅުވީ ނައިޓް މާކެޓްގެ މޭޒަކަށް ދައްކާ ގޮތަށް ކުރިން އޮތް 3750ރ. އިން 750ރ. މާލޭ ސިޓީ ކައުންސިލުން ކަނޑައިދީފައިވާ ކަމަށާއި މޭޒު ނަގާފައިވާ ފަރާތްތަކަށް އެ ފައިސާ ދޭނެ ކަމަށެވެ.