19:00


ކުރީގެ ރައީސުލްޖުމްޔޫރިއްޔާގެ ކޮއްކޯފުޅު، އަބްދުﷲ ޔާމީންގެ ރައީސްކަމުގައި ހިންގާ ޕީއޭ ޕާޓީއާ ގުޅިވަޑައިގެން ކަމަށް ދެކެވޭ ވާހަކަތަކަކީ ބަޔަކު ފަތުރައިގެން އުޅޭ "ބުހުތާނު ދޮގެއް" ކަމަށާއި އޭނާ އެމްޑީޕީން ވަކިވެވަޑައިގަންނަވާނީ ރައީސް ނަޝީދާ އެކުގައި ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުސްތޮފާ މިއަދު ވިދާޅުވީ އެ ވާހަކަތަކަކީ ވަކި ބަޔަކު ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައި ފަތުރަމުންދާ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީއަކަށް ސޮއިނުކުރައްވާނެ ކަމަށާއި އަދި އެކަން ކުރަން ގަސްތު ކުރައްވާފައިނުވާ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.


މުސްތޮފާ އަދި ވިދާޅުވީ އެމްޑީޕީ އަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ދީފައިވާ ޕާޓީއެއް ކަމަށާއި އެގޮތުން ކަމަކާ ޚިޔާލުތަފާތުވި ނަމަވެސް އެޚިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާތީ އެގޮތަށް އެ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ޕާޓީއާ ޚިޔާލު ތަފާތުވީ ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ބައެއް ފަހަރު އޮޅިގެން ޕާޓީގެ ސްޓޭންޑާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުދެވެނީ މުސްތޮފާއަށް އެކަނި ނޫން ކަމަށާއި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކަށް، ކައުންސިލް އިންތިޚާބުގެ ބިލަށް ޕާޓީއާ ދެކޮޅަށް ވޯޓު ދެއްވިފައިވާ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.


މުސްތޮފާ އިތުރަށް ވިދާޅުވީ އެމްޑީޕީ ދޫކޮށް ވަޑައިގަންނަވާނެ އެހެން ޕާޓީއެއް ނެތް ކަމަށާއި އަދި އޭނާ އެމްޑީޕީން ވަކިވެވަޑައިގަންނަވާނީ ރައީސް މުހައްމަދު ނަޝީދާ އެކުގައި ކަމަށެވެ.