06 May 2017, 15:33
ދިއްލީ (މެއި 6): އިންޑިއާގެ ނިއު ދިއްލީގެ ސަރުކާރު ސްކޫލެއް ކައިރީގައި ގޭސް ލީކުވުމާ ގުޅިގެން 300 އަށް ވުރެ ގިނަ ދަރިވަރުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.
ދިއްލީގެ ރާނީ ޖާންސީ ސްކޫލު ކައިރީގައި ހުރި ކޮންޓެއިނާ ބަހައްޓާފައިވާ ތަނަކުން ގޭސް ލީކުވުމާ ގުޅިގެން 300 ދަރިވަރުންގެ އިތުރުން، ނުވަ ޓީޗަރުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް އެންޑީޓީވީން ބުނެ އެވެ.
ސްކޫލް އޮފިޝަލުން ބުނި ގޮތުގައި އެސްކޫލުގެ ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔައީ ލޮލުން ފެން އައިސް، ބޯއަނބުރާ ގޮތްވާ ކަމަށް އެކުދިން ބުނުމުންނެވެ.
އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) އިން ވަނީ މިހާރު އެ ގޭސް ލީކް ކޮންޓްރޯލްކޮށްފަ އެވެ. އަދި އެތަނުން ލީކުވެފައި ވަނީ ފަނިފަކުސާ މަރާ ބޭސް އުފައްދަން ބޭނުން ކުރާ ކެމިކަލެއް ކަމަށް އެންޑީއާރްއެފް އިން ބުންޏެވެ.
ދިއްލީގެ އެޑިއުކޭޝަން މިނިސްޓަރު މަނިޝް ސިސޯޑިއާ ވަނީ ހޮސްޕިޓަލަށް ގެންދިޔަ ބައެއް ކުދިންނާ ވާހަކަދެއްކެވި ކަމަށާއި، އެކުދިންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
ގޭސް ލީކުވާން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވާ އިރު، ދިއްލީގެ ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް އިންޑިއާގެ އޭއެންއައި ނޫހުން ބުނެ އެވެ. (އެންޑީޓީވީ)