10 Jul 2011, 12:17
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީގެ އިދާރާއެއް ހުޅުވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ލ. އަތޮޅުގެ ޙަރަކާތްތެރިންނަށް އިއްޔެ އެ އަތޮޅު ގަމުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީގެ އޮފީސް ނެތް ރަށްރަށުގައި އޮފީސްތައް ގާއިމްކޮށް، އޮފީހެއް ގާއިމްކުރެވެން ނެތް ރަށްރަށުގައި އިދާރީ ޑެސްކެއް ގާއިމްކޮށްގެން ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރޯދަމަހުގެ ފުރަތަމަ ދުވަހު އެޕާޓީގެ އިދާރާއެއް ގާއިމްކުރާނެ ކަމަށެވެ.
އަދި ވިދާޅުވީ އެ އިދާރާތައް ހިންގުމުގައި އެމްޑީޕީގެ ގޮފިތަކާއި، ދާއިރާތަކާއި، ކައުންސިލަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
"މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑު ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ އޮފީހެއް ގާއިމް ކުރާނަން. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެރަށެއްގެ އެމްޑީޕީގެ އިސް ހަރަކާތްތެރިއެއްގެ ގޭގައި އިދާރީ ޑެސްކެއް ބަހައްޓައިގެން ނަމަވެސް އަޅުގަނޑު އެމްޑީޕީގެ އިދާރާތައް ރަށްރަށުގައި ގާއިމް ކުރުމުގެ ޕްރޮގްރާމް ރޯދަމަހުގެ ފުރަތަމަ ދުވަހު އިފްތިތާޙު ކުރާނަން. މި އިދާރާތަކުން އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުން ފަދަ އިދާރީ ކަންތައް ކުރެވޭ ގޮތަށް ހުންނާނެ، ” މުސަ ވިދާޅުވި އެވެ.
ރަށްރަށުގައި ހަދާ ކޮންމެ އިދާރާއެއްގައި މަސައްކަތްކުރާނޭ މުވައް ޒަފަކު ބަހައްޓާނެ ކަމަށާއި، އެފަދަ މީހަކު ކަނޑައަޅާނީ އެ ރަށެއްގެ ގޮފިތަކާއި، ދާއިރާގެ އިސް ފަރާތްތަކުން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.