އެކި ސަބަބުތަކާ ހެދި ވޯޓުލާން ފެށުން ލަސްވި ދާއިރާތަކަށް ވޯޓުލާން އިތުރުވަގުތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވޯޓުލުން ރަސްމީކޮށް ފެށި ގަނޑިއަކީ މިއަދު ހެނދުނު އަށެއް ޖަހާއިރެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް ދެ ގަޑި އިރު އަދި ތިން ގަޑިއިރު ފަހުން ވެސް ވޯޓުލާން ވަނީ ފަށައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓުލާން ލަހުން ފެށުނު ތަންތަނަށް ލަސްވި ވަގުތަށް ވަގުތު ލިބިގެންދާނެ ކަމަށެވެ.

"ދެ ގަނޑިއިރު ފަހުން ވޯޓުލާން ފެށި ތަންތަނަށް ވޯޓުލައި ނިމޭނީ އަސްލު ނިމޭ ގަޑިއަށް ވުރެ ދެ ގަޑިއިރު ފަހުން." އަކްރަމް ވިދާޅުވި އެވެ.

ވޯޓުލުން ނިންމާ ރަސްމީ ގަޑިއަކީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. އެހެންނަމަވެސް ދެ ގަޑިއިރު ފަހުން ވޯޓުލާން ފެށި ތަންތަނަށް ވޯޓުލުން ނިމޭނީ ހައެއް ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިންތިހާބު މިހާރު ފެށިގެން ކުރިއަށްދާ އިރު މާ ބޮޑު ހަމަ ނުޖެހުމެއް ހިނގާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.