06 May 2017, 11:37
މިހާރު ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ ކަމަށް ނުބެލެވޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ސީއެޗްއެސްއީގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބާ ގުޅިގެން ބައެއް ޝަކުވާތައް ލިބެމުންދާ ކަމަށާއި އެކަންކަން ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށެވެ.
"ނަމަވެސް ހިއެއްނުވޭ އިރާދަކުރެއްވިއްޔާ ބޮޑު މައްސަލަތަކެއް އުޅޭނެހެންނެއް. ވަރަށް ދުރާލާ އިލެކްޝަންސް ކޮމިޝަނުން އެކަމަށް ތައްޔާރުވެގެން [އޮތީ]. އެކިފަހަރުމަތިން ވޯޓުލާ ދުވަސް ބަދަލުވަމުން މިއައީ. ކުދިކުދި މައްސަލަތައް އުޅޭ ކަމުގެ ވާހަކަ އަޑުއިވުނު ނަމަވެސް އެއީ ނުވާނެ އިރާދަކުރެއްވިއްޔާ މާބޮޑު މައްސަލައަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތި ވެއްޖެ ނަމަ އެކަމަށް ކަމާ ބެހޭ ފަރާތްތަކުން އެޓެންޑް ކުރާނެ ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުން ވިސްނާނެ ގޮތަކަށް ބަލައިގެން ނުވާނެ ކަމަށެވެ.
"ވޯޓެއް ލުމުގައި މަސްލަހަތު ގެއްލޭ ކަންކަން މެދުވެރިވޭ، އެކަމަކު އަޅުގަނޑަކަށް ނުވިސްނޭ، ވޯޓެއް ލައިގެން މަސްލަހަތު ގެއްލެން ޖެހޭނެ ކަމަކަށް، އެއީ ޑިމޮކްރަސީއަކީ އެމީހަކު ވޯޓުން އެމީހަކު އިހްތިޔާރު ކުރިގޮތް ދައްކާ ގޮތް، އެހެންވީމަ ރައްޔިތުންގެ ގިނަ ބަޔަކު ތާއިދުކުރާ ގޮތެއް ފެނިގެން ދާނީ ވޯޓެއްގެ ތެރެއިން، އެހެންވީމާ ވޯޓެއް ލާއިރަކު ނޫން އެ މައްސަލަތައް އޮންނަން ވާނީއަކީ ވޯޓުގެ ކުރިން ކެމްޕެއިން ކުރުމާއި އަދި ދެއްކިފައި ހުރި ކެނޑިޑޭޓުންގެ ވަރުގަދަ ކަމާއި ޕާޓީ އާއި ރައްޔިތުންނާ ގުޅުން އޮންނަ މިންވަރާއި ބަލާފައި ރައްޔިތުން ވޯޓު ލާނީ. އެހެންވީމާ މައްސަލަތަކެއް ޖެހިގެންވާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ މިއަދު ރައްޔިތުންލާ ވޯޓަކީ ރާއްޖޭގެ ހަމަޖެހުމާށާއި ރައްޔިތުންގެ ތަރައްގީއަށް ދެވޭނެ ވޯޓަކަށް ވެގެންދާނެ ކަމަށެވެ.
"ދެން އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑަކީ ޕީޕީއެމްގެ މީހަކަށްވާތީވެ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ރައްޔިތުން ތާއިދުކުރައްވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 420 ފޮށި ބަހައްޓާފައިވާ އިރު ލަންކާގައި ދެ ފޮށި ބަހައްޓައިފަ އެވެ. އަދި މިފަހަރުގެ އިންތިޚާބުގައި 1483 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އިންތިޚާބުކުރާނީ ޖުމުލަ 664 ކައުންސިލަރުންނެވެ.