10 Jul 2011, 11:59
ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުމާ ގުޅިގެން އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވުމުން ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ކުރަންޖެހޭ ސާޖަރީތައް ނޫން ސާޖަރީތައް ހުއްޓާލައިފައި އޮތުމަށް ފަހު މިއަދު އަލުން ސާޖަރީގެ ހިދުމަތްތައް ފަށައިފި އެވެ.
މާލޭ ހެލްތު ސާވިސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ބުނީ ޑެންގީ ހުމުގެ އިމަޖެންސީ ހާލަތުގެ ސަބަބުން މެދު ކަނޑައިލި ސާޖަރީގެ ހިދުމަތްތަކާއި ފިޒިއޮތެރަޕީގެ ހިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން، އައިޖީއެމްއެޗްގެ ސާޖަރީތައް މެދުކަނޑައިލީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ސާޖަރީތައް މެދު ކަނޑައިލީ ޑެންގީއަށް ފަރުވާ ހޯދަން ދާ ބަލި މީހުންނަށް ވޯޑްތަކުގެ އެނދުން ޖާގަ ދިނުމަށް ކަމަށެވެ.
ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަންދާ މީހުންގެ އިތުރުވުމާ ގުޅިގެން އައިޖީއެމްއެޗްގެ އިމަޖެންސީ ލޮބީ އާއި ފިޒިއޯތެރަޕީ ޑިޕާޓްމަންޓާއި ރައީސުލް ޖުމްހޫރިއްޔާއަށް ހާއްސަ ކޮޓަރިކޮޅު، ބަލި މީހުން ބައިތިއްބަން ވަނީ ހާއްސަކޮށްފަ އެވެ.