އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާޓުގައި ދިވެހި ކުންފުނިތަކުން ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ހުޅުވާލައިފިއެވެ.

އަންނަ ޖުލައި މަހުގެ 21 އިން 23 އަށް ބާއްވާ އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ފެއާއަކީ 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޓްރެވަލް ފެއާ އެކެވެ. މިހާރު އެ ފެއާ ވެފައިވަނީ އިންޑިއާގައި ބާއްވާ އޭގެ އެންމެ ބޮޑު އެއް ފެއާއަށެވެ. އެކި އަހަރުތަކުގައި ބާއްވަނީ އެކި ސިޓީތަކުގައެވެ. އެގޮތުން މިއަހަރު އެ ފެއާ ބާއްވަން ޖަމަޖައްސާފައި ވަނީ ބެންގަލޫރުގައެވެ.

އެ ފެއާގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ފުރުސަތު މަޓާޓޯއިން ހުޅުވާލާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާ މާކެޓު ވެސް އަންނަނީ ފުޅާވެ އިތުރުވަމުންނެވެ. އެގޮތުން އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 27.9 ޕަސެންޓު އިތުރުވެ 66،955 އަށް އަރާފައެވެ. 2015 ވަނަ އަހަރު އިންޑިއާއިން ރާއްޖެ އައިސްފައިވަނީ 52،368 ފަތުރުވެރިންނެވެ.

މިއަދަދު މިއަހަރު ތެރޭގައި އިތުރުވާނެ ކަމަށް ލަފާ ކުރެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެކަނިވެސް އިންޑިއާއިން ރާއްޖެއަށް 17،156 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2016 ވަނަ އަހަރުގެ އެ މުއްދަތުގައި އިންޑިއާއިން ރާއްޖެ އައިސްފައިވަނީ 14،171 ފަތުރުވެރިންނެވެ.