05 May 2017, 22:48
ބެސްޓު ޑައިވްއިން ހދ. މަކުނުދޫ މަދަރުސާއަށް 20 ކޮމްޕިއުޓަރު ހަދިޔާކޮށްފިއެވެ.
އެ މަދަރުސާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ސްކޫލަށް ހަވާލުކޮށްދެއްވީ ބެސްޓު ޑައިވް ޖެނެރަލް މެނޭޖަރު އެރިކް އެވެ. މަކުނުދޫ މަދަރުސާގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެތަން ހިންގުމާ ހަވާލުވެ ހުންނެވި ޝާމިރާ މުހައްމަދެވެ.
އެތަކެއްޗާ ހަވާލުވެވަޑައިގަތުމަށްފަހު ޝާމިރާ ވިދާޅުވީ ކޮމްޕިއުޓަރުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އެ މަދަރުސާގެ ކޮމްޕިއުޓަރު ލެބްގައި ކަމަށެވެ. އަދި އެއީ މި ދަނޑިވަޅުގައި ސްކޫލަށް ވަރަށް ބޭނުންތެރި ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާ އެކު އޭނާ ވަނީ ބެސްޓު ޑައިވް ޝުކުރު އަދާ ކުރައްވާފައެވެ.
ބެސްޓު ޑައިވްގެ މެނޭޖަރު އެރިކް ވިދާޅުވީ އެ ތަކެތި މަކުނުދޫ މަދަރުސާއަށް ހަދިޔާ ކުރީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މުޖުތަމައަށް ފައިދާ ކުރާނެ ފަދަ ހަރަކާތްތަކެއް، ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބެސްޓް ޑައިވަކީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ރިސޯޓުތަކުގައި އެކްސްކާޝަންތަކުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.