10 Jul 2011, 11:01
އިންޑިޔާ އަކީ ސާކް ސަރަހައްދުގެ އެއްވަނަ ގައުމެވެ. މުހިންމު ކޮންމެ ރޮނގަކުން ބެލި ނަމަވެސް މިކަމާ ދެބަސްވެވޭނެ ޖާގައެއްނެތެވެ. ދުނިޔޭގެ ފެންވަރުގައި މި ވަގުތު އިންޑިޔާ އެންމެ ބޭނުންވާ އެއްކަމަކީ ފުޓްބޯޅައިގެ ގަދަ ބާރަކަށްވުމެވެ. މިކަމަށް އެ މީހުންނަށް ފީފާ އާއި އޭއެފްސީގެ އެހީތެރިކަން އިންތިހާ އަށް އޮހެމުންދާއިރު މިރޭގެ މެޗަކީ އަނެއްކާ ވެސް މުހިންމު މެޗެކެވެ.
ދިވެހިރާއްޖެ އަތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ބަލިވުމަކީ ހަގީގަތުގައި އިންޑިޔާގެ ފުޓްބޯޅައަށް ގިނަ ސުވާލުތަކެއް އަމާޒުކުރެވުނު ބަލިވުމެކެވެ. ބިލިއަނުން ހަރަދު ކުރަމުންދާއިރު ރާއްޖެ ކަހަލަ ގައުމެއްގެ އަތުން ބަލިވެ ސަރަހައްދީ ތަށި ގެއްލުމުން ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވި އެވެ. ޓީމުގެ ކޯޗަކަށް އެއިރު ހުރި އިނގިރޭސިވިލާތުގެ ބޮބް ހޯޓަން އާއި އިންޑިޔާގެ ފެޑަރޭޝަނާ ދެމެދު މައްސަލް ޖެހެން ފެށުމުގެ އަސްލަކީ ވެސް ރާއްޖެ އަތުން ބަލިވުމެވެ.
އޭނާ އަށް ފަހު ޓީމާ ހަވާލުވެގެން މިހާރު ހުރީ އިންޑިޔާގެ އެންމެ ކާމިޔާބު ކުލަބު ކޯޗު އާމަންޑޯ ކަލާސޯ އެވެ. ވަގުތީ ގޮތުން އޭނާ ޓީމާ ހަވާލުވެގެން ހުރިއިރު ރާއްޖެ އަތުން މޮޅުވާ ވާހަކަ އަކީ ކޯޗު އެއްގޮތަކަށް ވެސް ނުދައްކާ ވާހަކައެކެވެ. ސަބަބަކީ އޭނާ އަށް އޮތް ޕްރެޝަރު އޮތުމެވެ.
ރާއްޖެއެކޭ އެއްފަދައިން އިންޑިޔާ ޓީމުގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލް ކުޅުނު ކުޅުންތެރިން ގިނަ އަދަދަކަށް އެބަތިއްބެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިން ވަނީ ރާއްޖެ ބަލިކުރަން ބޭނުން ކަމަށް ފާޅުގައި ބުނަން ފަށައިފަ އެވެ.
ގޯލްކީޕަރު ޝުބްރަތާ ޕައުލް ބުނީ ރާއްޖެ ބަލިކުރަން ބޭނުންވަނީ "އެންމެ ފަހުން އަހަރުމެން އެ މީހުން )ރާއްޖެ( އަތުން ބަލިވީމަ،" ކަމަށެވެ.
މި މެޗަށް ނުކުންނައިރު ރާއްޖޭގެ ޓީމުން އަސްއަދު އަލީ )އަޑުބަރޭ( ވަނީ ބާކީކޮށްފަ އެވެ. އެއީ ޑިސިޕްލިން މައްސަލައަކާ ހެދިކަމަށްވެ އެވެ. ނަމަވެސް އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވަނީ ޓީމުން އަޑުބަރޭ ބާކީ ކުރަން ޖެހުނީ 9 ނަންބަރު ޖާޒީއާ ހެދިކަމެވެ. މިހާތަނަށް ގައުމީ ޓީމުގެ 9 ނަންބަރު ޖާޒީ ލަމުން އައި ދެ ފޯވަޑުންގެ ތެރެއިން ފޯވަޑް އަހުމަދު ތޯރިގް )ޓޮމް( އާއި އަޑުބަރޭ ވެސް ބޭނުންވީ 9 ނަންބަރު ޖާޒީ އެވެ. ނަމަވެސް އަޑުބަރޭ "ހިތްހަމަ" ނުޖެހުނީ ފާއިތުވެދިޔަ ދެ އަހަރު އޭނާ ބޭނުންކުރަމުން އައި ނަންބަރު ޓޮމް އަށް ދިނުމުނެވެ. މި ދެ ކުޅުންތެރިން އެކުގައި ކުޅޭއިރު މީގެ ކުރިން ގައުމީ ޓީމުގައި އަޑުބަރޭ ބޭނުންކުރީ 12 ނަންބަރު ޖާޒީ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު މޮޅުވުމުގެ އިތުރަށް ދެ ގައުމުގެ އެހެން މަގްސަދެއް ވެސް އެބައޮތެވެ. އެއީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމެވެ. މި މަހުގެ 23 އަދި 28ގައި ރާއްޖެ ބައްދަލުކުރާނީ ވަރުގަދަ އިރާނާ އެވެ. އިންޑިޔާ ކުޅޭނީ ޔޫއޭއީއާ އެވެ. މި މެޗުތަކުން މޮޅުވެގެން ނޫނީ މިއިން އެއްވެސް ގައުމަކަށް ކޮލިފައިންގެ ގްރޫޕް ފިޔަވައްސަކަށް ނުދެވޭނެ އެވެ.
އިންޑިޔާއާ ދެކޮޅަށް ރާއްޖެ މިރޭ ކުޅޭތަން ބަލަން އީރާނުގެ ކޯޗު ކާލޮސް ކުއިރޯޒް ވެސް ގަލޮޅު ދަނޑުގައި އިންނާނެ އެވެ. ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު މި މެޗު ބަލަން މާލެ އައީ އިއްޔެ ހެނދުނު އެވެ.
ރާއްޖެ އާއި އިންޑިޔާ އެންމެ ފަހުން ބައްދަލުކުރި ތިން ފަހަރުގެ ތެރެއިން ދެ ފަހަރު މޮޅުވީ އިންޑިޔާ އެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި 2009 ވަނަ އަހަރު ރާއްޖެ ބަލިވީ އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމު އަތުންނެވެ.