މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމި، ފަހުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަކްރަމް ވިދާޅުވީ، މާދަމާ އިންތިހާބު ބާއްވަން ނިންމާފައިވާ އިރު، އަތޮޅު ތެރޭގައި ވެސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި 422 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ސްރީ ލަންކާގައި އެކަންޏެވެ. ކައުންސިލް އިންތިހާބުގައި 1483 ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު ކުރާނީ 664 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 16،000 ވުރެ ގިނަ ޒުވާނުން އަލަށް ވޯޓު ލާނެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 255،987 އެވެ.

ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުގެ ތައްޔާރީތައްވެ ނިންމާފައިވާ އިރު، މިއަދު އިރުއޮސްސި 6:00ގެ ފަހުން ކެމްޕެއިން ކުރުން މަނާވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް ވޯޓު ފޮށި ފޮނުވައި، ވޯޓު ކަރުދާސް ވެސް ފޮނުވައިފަ އެވެ.

އޭގެ އިތުރުން އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވެސް ވަނީ އަތޮޅުތަކުގެ ރަށްތަކަށް ގޮސްފަ އެވެ.