އެސިސްޓެންޓް ރެފްރީއަކާ ދިމާލަށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށްބުނެ، ހަތަރު މެޗަށް ސަސްޕެންޑް ކުރުމާ ގުޅިގެން ފީފާ ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ތަމްސީލުކުރުމަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ކުރިމަތިވެފައިވާ ހުރަސް ނެތިގެން ގޮސްފިއެވެ.

އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ީ، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޓީން ބެލި ބެލުމުން، ވޯލްޑް ކަޕް ކޮލިފައިންގައި މާޗް 23 ވަނަ ދުވަހު، ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި، އެމެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާއަށް މެސީ ހުތުރުބަހުން ވާހަކަދައްކާފައި ވާކަން ސާބިތުވެފައިވާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެ މެޗުގައި މެސީއަށް އެފަދަ ކަމަކާ ގުޅިގެން އަދަބެއް ދީފައެއް ނުވެއެވެ.

"މެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާލަށް ފާޅުގައި ހަޑިހުތުރުބަހުން މުހާތަބުކޮށް، މެސީ ވަނީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 57 ވަނަ މާއްދާއާ ޚިލާފުވެފައި." ފީފާގެ ބަޔާނުގައި ވެއެވެ.

"ނަތީޖާއެއްގެ ގޮތުން، މެސީއަށް އޮފިޝަލް ހަތަރު މެޗުގެ ސަސްޕެންޝަން އަކާއި، 10،000 ސްވިސް ފްރެންކްސް އިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައި. މެސީގެ ސަސްޕެންޝަން ފެށޭނީ، މާރޗް 28 ވަނަ ދުވަހު، ފީފާ ވޯލްޑް ކަޕް ރަޝިއާ 2018 ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުން."

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ގްރޫޕްގައި ބޮލީވިއާ އަތުން 2-0 ލަނޑުން އާޖެންޓީނާ ބަލިވި މެޗުގެ ތެރޭން -- ފޮޓޯ: އޭޕީ

މެސީގެ ސަސްޕެންޝަނަށް ފަހު، ވެ އާޖެންޓީނާ ވަނީ، ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕްގެ ފަސްވަނައަށް ވެއްޓިފައެވެ.

ފީފާގެ އިސްތިއުނާފް ކޮމިޓީން މައްސަލަ ބެލުމަށް ފަހު ބުނެފައިވަނީ، މެސީއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އޭނާ ސަސްޕެންޑުކުރެވޭވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށެވެ. އެހެންކަމުން އޭނާ ސަސްޕެންޑުކުރުމަށް ކުރީން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިޔައީ ކަމަށެވެ.

ފީފާގެ މި ނިންމުމާއެކު ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއީ، ވެނެޒުއޭލާ، އަދި ޕެރޫއާ ދެކޮޅަށް އާޖެންޓީމާ ކުޅޭ މެޗުތަކުގައި މެސީއަށް ކުޅެވޭނެއެވެ.

މީގެ އިތުރުން ހަތަރު މެޗުގެ ސަސްޕެންޝަނާއެކު ފީފާއިން މެސީގެ މައްޗަށް ކޮށްފައިވާ 10،000 ސްވިސް ފްރެންކްސް (7500 ޕައުންޑް)ގެ ޖޫރިމާނާވެސް ވަނީ އުފާލައިފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި އުރުގުއޭ ބައްދަލު ކުރި މެޗުގައި މެސީ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ފީފާގެ އިސްތިއުނާފް ކޮމިޓީން ބުނީ، އެސިސްޓެންޓް ރެފްރީއާ ދިމާއަށް ހުތުރު ބަހުން މެސީ ވާހަކަދެއްކި ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައިގައި ލިބެން ހުރި ހެކިތަކަށް ބަލާއިރު އަދަބެއް ދެވެން ނެތްކަމަށާއި އަދި އެފަދަ އަދަބެއް ދީފި ނަމަ އެ ވެގެންދާނީ ފީފާގެ ގަވައިދުތަކާ ޚިލާފަށް ދެވޭ އަދަބެއް ކަމަށް ކަމަށެވެ.

ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕްގެ ކޮންމެ ޓީމަކުން ވެސް 14 މެޗު ކުޅެފައި ވާއިރު، އާޖެންޓީނާއަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ. 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ކޮލަމްބިއާ އޮތްއިރު، ތިން ވަނައިގައި އޮތް އުރުގުއާއީ އަދި ހަތަރު ވަނައިގައި އޮތް ޗިލީއަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޖުމުލަ 33 ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ބްރެޒިލްއެވެ.

ބޮލީވިއާ އަތުން ބަލިވުމުން އާޖެންޓީނާއަށް މިވަގުތު ވަނީ، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އޮޓޮމެޓިކް ޖާގަ ގެއްލިފައެވެ. ގްރޫޕް ސްޓޭޖް ނިމޭއިރު ގަދަ ހަތަރު ޓީމް ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ފަސް ވަނައިގައި އޮންނަ ޓީމު ޖެހޭނީ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ކުޅޭށެވެ.