05 May 2017, 18:00
މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާލައިފި އެވެ.
އިންތިހާބާއި ބެހޭ ގާނޫނު ބުނާގޮތުން ވޯޓުލާ ދުވަހާ ޖެހިގެން އަންނަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއެކު ކެމްޕެއިންގެ ހަރަކާތްތައް ހުއްޓާލަން ޖެހެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޕީޕީއެމުން ކުރިއަށް ގެންދަނީ -- ފޮޓޯ/ މުހައްމަދު އަފްރާޙު
ޕީޕީއެމުން މާލޭގައި ސައިކަލާއި ޕިކަޕު ބުރުތަކެއް ކުރިއަށް ގެންދިޔައިރު އެމްޑީޕީން ވަނީ އަތޮޅުތެރޭގައި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ކެމްޕެއިން ފޯރި ގަދައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން، އެމްޑީޕީއިން ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދަނީ -- ފޮޓޯ: އެމްޑީޕީ
ކެމްޕެއިނުގެ ފޯރި ކުޑަވެފައިވާއިރު މިފަހަރު އިންތިހާބު ވަނީ ތިން ފަހަރަށް ފަސްކޮށްފައެވެ.
މިފަހަރު ކައުންސިލް އިންތިހާބުގައި 1439 ކެނޑިޑޭޓުން ކުރިމަތިލާއިރު 2014 ވަނަ އަހަރާއި އަޅާބަލާއިރު ކުރިމަތިލި މެމްބަރުންގެ އަދަދު ވަނީ 34 ޕަސެންޓް ދަށްވެފައެވެ. މިފަހަރުގެ އިންތިހާބުގައި 664 ކެނޑިޑޭޓުން އިންތިހާބު ކުރާނެ އެވެ.
މިފަހަރުގެ އިންތިހާބަކީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކުރި ފަހުން، ތިން ވަނަ ދައުރަކަށް ކައުންސިލަރުން އިންތިހާބު ކުރަން ބާއްވާ އިންތިހާބެވެ.