05 May 2017, 15:07
ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސަތްކަތްޕުޅު ކުރައްވާ ފަރާތްތަކުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ވެސް އަދި ކުރީގައި ވެސް މަސަކަތްޕުޅު ކުރެއްވުމަކީ މާޒީއަށް ބަލާނަމަ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފަހު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާޏި ވިދާޅުވީ މާޒީއަށް ނަޒަރު ހިންގާލާއިރު ވެރިންގެ ފަހަތުން ވެސް އަދި ވެރިން ފަހަނަ އަޅައި ކުރިއަށް އަރައި ދާން މަސަތްކަތް ކުރަން އުޅޭނަމަ ކެހިލިބިފައި ހުރި ކަން ތާރީހުން ފެންނަން އޮތް ކަމަށެވެ.
އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބަވައިގެން މަސައްކަތް ކުރާނަމަ، އަލިރަސްގެފާނަށް ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލާންޖެހުނު ހިތްދަތިކަން ތަޖުރިބާ ކުރަންޖެހިދާނެ ކަމަށެވެ.
"އަލީ ރަސްގެފާނު ނިކުމެވެޑައިގަތީ ލަސްކަރަކާ އެކު. ހަނގުރާމައިގައި އެ ވަޑައިގަންނަވަންވާ ހިސާބަކަށް ވަޑައިގެން އެ ބުރި ބައްލަވާލެއްވިއިރު ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން ފަހަތް ޕުޅުގައެއް ނެތް،" ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ޕީޕީއެމާ އެކު މިއަދުގެ ސަރުކާރުގައި ބައިވެރިވާ ޕާޓީތައް ކަމަށްވާ އެމްޑީއޭ އަދި ޑީއާރުޕީ ވެސް ފަހަތުގައި ނުތިބެ ރައީސާ އެކު އެއް މިސްރާބަކަށް ދަތުރުކުރުމަށް ކަމަށާއި ފަހަތުގައި ތިބޭ ނަމަ ބައެއް ފަހަރު ކެހި ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"ރައީސަށް ވުރެ މާ ބާރަށް ކުރި އަރައި ދާން މަސަތްކަތްކުރީމަ ވެސް ނައިބު ރައީސުން ވެސް މަސަތްކަތް ކުރީމަ ފަހަރުގައި ހުރޭ ހަމަ ދަތި އެޅުވޭ ގޮތް ދެއްތޯ. އެހެންވީމަ ބާރަށް ދިއުމަކީ ރައީސަށް ވުރެން ކުރިއަށް ދިއުމަކީ ވެސް ތައްކަތު [ހަމަޖެހޭ] ކަމެއް ނޫން. ރައީސްގެ ފަހަތުގައި ތިބުމަކީ ވެސް ތައްކަތު ކަމެއް ނޫން. ހަމަ އެންމެ ރަނގަޅު ގޮތަކީ ރައީސާ އެކީ ދިއުން. އަޅުގަނޑުމެން އެކުގައި ދެއްތޯ ތަރައްގީ ކުރާނީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ފަހަނަ އަޅައި ގޮސް، ކުރިއަރައި ދިއުމަށް ނައިބު ރައީސުން މަސައްކަތްޕުޅު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަނިކު ވަނީ ބަޣާވާން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފަ އެވެ. އަދި ރައީސް ޔާމީން އެންމެ ލޯބިވާ ވަޒީރު، އަދި ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު މަގާމުން ދުރުކުރީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
ގައުމު ދޫކޮށް އަމިއްލަފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޖަމީލް ދިރިއުޅުއްވަމުން ގެންދަވާއިރު ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައާއި އެކު އަދީބުގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެ އޭނާ ގެންދަވަނީ 33 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އަދި މިހާރު ވެސް އަދީބުގެ މައްޗަށް ދެ ދައުވާއެއް އުފުލި ޝަރީއަތްތަށް ދަނީ ކުރިއަށެވެ.
އަދީބު ވަކިކުރެއްވުމަށް ފަހު ދެން ނައިބު ރައީސަކަށް އައްޔަނުކޮށްފައި ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. ކުރީގެ ދެ ނައިބު ރައީސުންނާ ހިލާފަށް ޖިހާދު ފެންނަނީ ތަންކޮޅެއް 'ނެގިމަޑު'ކޮށެވެ. ސަރުކާރާއި ރައީސް ޔާމީން ކުރިއަށް ގެންދަވާ ޖަލްސާތަކުގައި ޖިހާދު އާންމުކޮށް ބައިވެރިވެވަޑައިގަންނަވާތަނެއް ފެނިވަޑައި ނުގަންނަވައެވެ.