ރިޔާޟް (މޭ 5): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައޫދީ އަށް ޒިޔާރަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ސައޫދީއަށް ލިބޭ ޝަރަފެއް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.

އިސްލާމީ، މަސީހީ އަދި ޔަހޫދީ ކޯލިޝަނެއް އުފެއްދުމަށްޓަކައި ސައޫދީ އަށް ވަޑައިގަތުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން އާދިލްއަލްޖުބައިރު ވިދާޅުވީ ޓްރަމްޕް ސައޫދީއަށް ޒިޔާރަތްކުރެއްވުމަކީ ސައޫދީ އާއި ސައޫދީގެ ބައިވެރިން ޔަމަންގައި ކުރާ ހަނގުރާމައަށް ވެސް ޓްރަމްޕް ސަމާލުކަން ދެއްވާނެކަމުގެ ހެއްކެތްކަމުގައެވެ. އެ ހަނގުރާމައަށް ވެސް ޓްރަމްޕް ސަމާލުކަން ދެއްވުމަކީ ހަނގުރާމަ ކާމިޔާބު ކުރުމަށް އަރަބި އެލަޔަންސަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ސައޫދީ އަށް ވަޑައިގަތުމަށް ނިންމެވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ކަމަށް ބުނެ އިސްލާމީ ނަސާރާ (މަސީޙީ) އަދި ޔަހޫދީ ކޯލިޝަނެއް އުފެއްދުމުގެ ބޭނުމުގައެވެ. މިކަމާބެހޭ ރަމްޒީ ލިޔުމެއްގައި ވައިޓް ހައުސްގެ ގްރީން ގާޑްންގައި ޓްރަމްޕް އިއްޔެ ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެމެރިކާ ބޭނުންވާ ގޮތަށް އިސްލާމީ އުސޫލުތައް ތަފްސީރުކުރާ ބާވަތުގެ އިސްލާމީ އިލްމުވެރިންގެ އިތުރުން ނަސާރާ ފާދިރީންނާއި ޔަހޫދީންގެ ހިބްރުން (ރައްބީން) ބައިވެރިވިއެވެ. ޓްރަމްޕަކީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރުމުގެ އިތުރުން އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ފާޅުގައި ވާހަކަ ދައްކަވާ އިސްލާމް ދީނާ ދުޝްމަން ބޭފުޅެކެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއަށް އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ރިޔާސީ ގަރާރެއްވެސް ނެރުއްވާފައެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ކަމަށްބުނެ ސައޫދީ އަރަބިޔާއާއި އިސްރާއީލު ހިމެނޭގޮތަށް އެލަޔަންސެއް އެކުލަވާލުމުގައި ޓްރަމްޕްގެ ބޭނުމަކީ ސައޫދީން އިސްރާއީލަށް އިއްތިރާފްވެ އިސްރާއީލުގެ ދައުލަތް ސައޫދީން ގަބޫލުކުރުމަށް މަގުފަހިކުރުމާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އީރާނާ ދިމާކުރުން ކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާއަކީ ދުނިޔޭގައިވާ އެންމެ ބޮޑު ޝައިތާން ކަމަށް ސިފަކުރާ އީރާނަކީ އިސްރާއީލާއި ސައޫދީގެ ވެސް އެންމެ ބޮޑު ދުޝްމަނެވެ.

އިސްލާމީ ނަސާރާ އަދި ޔަހޫދީ ކޯލިޝަނެއް ޓެރަރިޒަމާ ދެކޮޅަށް އުފެއްދުމަށްޓަކައި ސައޫދީ އަށްފަހު ޓްރަމްޕް ދެން ޒިޔާރަތް ކުރައްވާނީ އިސްރާއީލަށެވެ. އެއަށްފަހު ނަސާރާއިންގެ އިސްފާދިރީ ހުންނަވާ ރަށްކަމަށްވާ ވެޓިކަން އަށެވެ.

ޓްރަމްޕް ސައޫދީ އަށް ޒިޔާރަތް ކުރެއްވުމަށް ނިންމެވިއިރު އޭނާވަނީ ސައޫދީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރުމަކީ އެމެރިކާއަށް ވަރަށް ޚަރަދު ބޮޑުކަމެއްކަމަށާ ސައޫދީން އެމެރިކާއަށް އިތުރު ފައިސާ ނުދޭނަމަ ސައޫދީ ވިރާޘީ ރަސްކަމުގެ ނިޒާމު ހިމާޔަތްކުރަން އެމެރިކާއަށް ދަތިވާނެކަމުގައެވެ. (ނޫސްއެޖެންސީތައް)