އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބްގައި ވެސް ހުންނާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ އެކު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ރޭ ވާހަަކަ ދައްކަމުން މޫސަ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ދައުރު ފަސް އަހަރަށް ދެމިގެން ދާން ޖެހޭނެ ކަމަށާއި ވަކިބަޔަކު ބޭނުންވާއިރަށް ވެރިކަން ވައްޓާލެވިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ފަހަރެއްގައި ވެސް މި ތިބީ މި ރާއްޖޭގެ ކަންކަން އޮޔާ ދާއިރުގައި ބަލަހައްޓައިގެނެއް ނޫން. އަދި ރާއްޖޭގެ ވެރިކަމާއި މި ދައުލަތާއި ބަޔަކު މީހުން މުޅި ދުނިޔޭގައި ހަވަަރަށްދީ ކަންކަން ކުރާ އިރުގައި އަޅުގަނޑުމެންގެ ހިތަށް ނުކުޅަދާނަ ވޭ. ގާނޫނު އަސާސީއަކީ ވަކިބަޔެއްގެ މަސްކާން އަޅުގަނޑުމެން ގެނައި އެއްޗެއް ނޫން. ވެރިކަމަކީ ވަކި ބަޔަކު ބޭނުން ވީމާ ވަކި ޕާޓީއެއްގެ މީހެއްގެ ކަރުގައި ހިފާފައި އެކަން ކުރަން ގެނައި އެއްޗެއް ނޫން،" މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސިޔާސީ ފަރާތްތަކެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދުދެއްވައި މޫސަ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން މޮޅު މީހުނަކީ ވަކި ބައެއް ނޫން ކަމަށާއި އެބޭފުޅުން ސާބިތުކަމާ އެކު ރައީސް ޔާމީންގެ ފަހްތްޕުޅުގައި ތިބި ކަމަށެވެ.

"ދިވެހި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް މަނިކުފާނު[ރައީސް ޔާމީން] ވަޑައިގަންނަވަނީ ނަމަ 2018ގައި ވެސް ހުންނަވާނީ ރައީސް ޔާމީން އާ އެކު،" އޭނަ ވިދާޅުވި އެވެ.

އެމްޑީޕީ އިން ވަކިކުރެއްވުމުން އެއްވެސް ޕާޓީ އަކާ ނުގުޅެ ހުންނެވި މޫސަ އަންނަނީ މި ފަހަކަށް އައިސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އެމަނިކުުފާނަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް ކަމަށް ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ.

ރާއްޖޭގެ ވެރިކަމަކީ ވަކިބަޔަކު ބޭނުންވުމުން ބަދަލުކުރެވޭނެ ކަމެެއް ނޫން ކަމަށާއި ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ގަދަރާއި އިހްތިރާން ކުރަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.