ސުޕަ ސްޓަރ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ޓިއުބްލައިޓް' ގެ ޓީޒަރ ދައްކާލައިފި އެވެ.

ފިލްމުގެ ޓީޒަރ ދައްކާލާފައި ވާއިރު، ފިލްމުގެ މަންޒަރުތައް ބަލަން ކެތްމަދުވެފައި ތިބި އެތައް ބަޔަކަށް މިވަނީ އުފާވެރިކަން ލިބިގެން ގޮސްފަ އެވެ. އުންމީދު ކުރި ގޮތަށް، މިއީ 'ބަޖްރަންގީ ބާއިޖާން' ފަދަ އަސަރުގަދަ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ޓީޒަރ އިން ވަނީ ލިބިފަ އެވެ.

ޓީޒަރ ބެލި ފަރާތްތަކުން ބުނީ ޓީޒަރ އިން ވެސް ވަރަށް އަސަރު ކުރުވައިފި ކަމަށާއި، ފިލްމުން ރޮއްވާލާނެ ކަމަށެވެ.

ފިލްމުގައި ސަލްމާން ފެނިގެން ދާނީ ލަކްޝްމަން ކިޔާ މީހެއްގެ ރޯލަކުންނެވެ. ސަލްމާންގެ އިތުރުން ސިފައިންގެ މީހެއްގެ ރޯލުން ސޮހެއިލް ޚާން ފެނިގެންދާނެ އެވެ. އަދި ކުހިންމު ރޯލަކުން ކުޑަ ފިރިހެން ކުއްޖަކު ވެސް ފެނިގެންދާ ފިލްމުގެ އަންހެން ލީޑު ކުޅެނީ ޗައިނާގެ އެކްޓްރެސް ޒޫ ޒޫ އެވެ.

އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'ޓިއުބްލައިޓް' އަކީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ.

މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދާނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ. އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

'ޓިއުބްލައިޓް' އަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާދެމެދު ކުރެވުނު ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.