05 May 2017, 01:49
ހޮޔޮ އަގުގައި ތެޔޮ ލިބޭނެގޮތް ހަމަޖެހިގެންދާނޭ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސައުދީ އަރަބިއްޔާއާ އެކު ރާއްޖޭން ސޮއިކުރާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ޕީޕީއެމް އިން ރޭ މާލޭގެ ސިނާއީ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ސަރުކާރާ ސައުދީގެ މިހާރުގެ ސަރުކާރާ ދެމެދު އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި އެގައުމުގެ ގައުމީ ތެޔޮ ކުންފުނިން އޮތީ ހެޔޮއަގެއްގައި ރާއްޖެއަށް ތެޔޮ ދިނުމަށް ތައްޔާރަށް ކަމަށެވެ.
" މީގެ ކުރިން ސައުދީ ރަސްގެފާނުގެ އަރިހުގައި އަޅުގަނޑު އެތައް ފަހަރަކު ދަންނަވައިގެން ސައުދީ ނޭޝަނަލް އޮއިލް ކުންފުނި އަރަމްކޯ ކޯއިން އަޅުގަނޑުމެނަށް ސާފުނުކުރާ ތެޔޮ، ކުރުޑް ތެޔޮ ދޭން އޮތީ އެއްބަސްވެފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ސަރުކާރުން ދިޔައީ އެ އެބަސްވުން އެކުލަވާލުމަށް ގިނަ މަސަތްކަތްތަކެއް ކުރަމުން ކަމަށާއި މިވަގުތު އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ހުންނެވީ އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ސައުދީގެ ވެރިރަށް ރިޔާދުގައި ކަމަށެވެ.
"އެކަން ވެއްޖެ ނަމަ އަޅުގަނޑުމެންނަށް ތެލުން އުފައްދާ އެއްޗިހީގެ އަގު ހެޔޮކުރެވޭނެ. އަޅުގަނޑުމެންގެ ކަރަންޓް އަގުހެޔޮކުރެވިގެން ދާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އެ ޖަލްސާގާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނެގި 1.2 ބިލިއަން ޑޮލަރަކީ ނުދެއްކޭނެ ވަރުގެ ލޯނެއް ނޫން ކަމަށާއި އަދި އެ ދަރަނި ދިވެހި ރައްޔިތުންގެ ބޮލުގައި ވެސް ނާޅުއްވާނެ ކަމަށެވެ.
"އޭގެ ބޭނުން ފުއްދުމަށްޓަކައި އެތައް ރިސޯޓްތަކެއް އަޅުގަނޑުމެން ދޫކޮށްގެން މިއުޅެނީ. ﷲގެ ރަހުމަތާ އެކު މީގެތެރެއިން ވެސް 75 ޕަސެންޓަށް ވުރެން ބޮޑުބައި ޔަގީން ކަށަވަރު 2018 ނިމެންވާއިރަށް ނިމޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ތަރައްގީއަށްޓަކައި ކުރާ ހުރިހާ މަސަތްކަތްތަކަކީ މަންޒަރު ރީތިކުރުމަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި އެއީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށެވެ.