10 Jul 2011, 09:08
އިންޑިޔާ އާއި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ފެރީއެއްގެ ގޮތުގައި ޕެސެންޖާ ލައިނެއް ރާއްޖެއަށް އޮޕަރޭޓްކުރަން އިންޑިޔާ ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ.
އިންޑިޔާގެ "ބިޒްނަސް ސްޓޭންޑާޑް"ގައި އެ ގައުމުގެ ޝިޕިން މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވަނީ ރާއްޖެއަށް އޮޕަރޭޓްކުރާ ޕެސެންޖާ ލައިން އިންޑިޔާގެ ޓްޓިކޮރިން ނުވަތަ ކޮޗިން ބަނދަރުން ފުރާގޮތަށް ހަމަޖެއްސުމަށް އިންޑިޔާ ސަރުކާރުން ވަނީ ނިންމާފަ އެވެ.
"އަހަރެމެން މިހާރު މިދަނީ މި މަޝްރޫއު ދިރާސާކުރަމުން، ޓޫރިޒަމް ކުރިއެރުވުމަށް ފެރީ އޮޕަރޭޓްކުރާނެ ގޮތަކާއި އެކަމަށް ބޭނުންވާ ބަނދަރުތައް ތަރައްގީކުރާނެ ގޮތަކާ މެދު އަހަރެމެން މިދަނީ ދިވެހި ސަރުކާރާ ވާހަކަ ދައްކަވަމުން، " އިންޑިޔާގެ ޝިޕިން މިނިސްޓްރީގެ ސެކްރެޓަރީ މޯހަންދާސް ވިދާޅުވި ކަމަށް ބިޒްނަސް ސްޓޭންޑާޑްގައި ވެއެވެ.
މޮހަންދާސް އާއި ޓްޓިކޮރިން ޕޯޓް ޓްރަސްޓްގެ އިސް ފަރާތްތަކާއި އިންޑިޔާގެ ޝިޕިން ލައިނެއް ކަމަށްވާ ޑީޖޭ ޝިޕިންގެ އިސްފަރާތްތައް ހިމެނޭ ވަފުދެއް މިހާރު ދަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.
އިންޑިޔާ ޝިޕިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެގައުމުން ރާއްޖެއަށް އޮޕަރޭޓްކުރާ ފެރީއެއް އިންޑިޔާއިން ފުރައިގެން ރާއްޖެއަށް އަދި ރާއްޖޭން ފުރައިގެން އިންޑިޔާއަށް ދިއުމަށް ހޭދަވާނީ 30 ގަޑިއިރެވެ. އަދި އެކަމަށް ހިނގާނެ ހަރަދު އަންދާޒާ ކުރުމަށާއި އެފަދަ ފެރީއަކަށް ޑިމާންޑް އޮތް ވަރެއް ބެލުމުގެ މަސައްކަތް އިންޑިޔާ ސަރުކާރުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
" ދަތުރުކުރާނީ ކިހާވަރަކަށްކަން އަދި އެކަމަށް ހޭދަވާނީ ކިހާ ފައިސާއެއްކަން އަދި އަހަރެމެންނަކަށް ނޭނގޭ، ނަމަވެސް ފަސޭހައިން ދެވޭނެ ގޮތެއް ހަމަޖައްސަން އަހަރެމެން އެންމެ ބޭނުންވާ ގައުމަކީ ރާއްޖެ،" މޯހަންދާސް ވިދާޅުވިކަމަށް ބިޒްނަސް ސްޓޭންޑާޑްގައި ވެއެވެ.
ބިޒްނަސް ސްޓޭންޑާޑް ނޫހުގައި ވާގޮތުން އިންޑިޔާ ވަނީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ލިސްޓްގެ 10 ވަނައިގަ އެވެ. އެގޮތުން އެގައުމުން މިދިޔަ އަހަރު ރާއްޖެއަށް 15800 ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށް ބުނެފައި ވެއެވެ.