މާލޭ އާސަހަރާގައި އަނެއްކާ ވެސް މީހުން ވަޅުލާ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

އެ މިނިސްޓްރީ އިން ބުނީ މިރޭ 12 އިން ފެށިގެން މާލެ އަދި ވިލިގިލީގައި މަރުވާ މީހުން ވަޅުލަމުންދާނީ އާސަހަރާގައި ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައީ ކީއްވެ ކަމަށް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މާލޭ ސަހަރާތަކުގެ ޖާގަ ފުރި މީހުން ވަޅުލުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީވެ، މިދިޔަ މަހު އެކަކުން ފެށިގެން މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލޭ ގަބުރަސްތާނުގައެވެ.

ހުޅުމާލެއަށް މައްޔިތާ ގެންދިއުމަށް ވަނީ އެކަމަށް ހާއްސަ ފެރީއެއް ހަމަޖައްސާފައެވެ. އަދި މާލެއަށް ވުރެ ތަނަވަސް ކޮށް ހަދާފައިވާ ހިނަވާގޭގައި އެއްފަހަރާ ހަތަރު މީހުން ހިނެވޭނެ ގޮތް ވެސް ވަނީ ހަދާފައެވެ.