05 May 2017, 00:19
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮންލައިން ބޭންކިންގެ ޚިދުމަތަށް ގެނައި ބަދަލުތަކާއެކުއިންޓަނެޓް ބޭންކިންގެ އާ ޕްލެޓްފޯމުލޯންޗުކޮށްފިއެވެ.
ބޭންކްގެ ހެޑް އޮފީހުގައި ބުރާސްފަތިދުވަހު މެންދުރުފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ކަސްޓަމަރުންގެ ޚިޔާލުތަކާ އެއްގޮތަށް ގެނެވިފައިވާ ހެޔޮ ބަދަލުތަކެއް ކަމަށެވެ.
"މިއަދު މި ތަޢާރަފްކުރާ ޕްލެޓްފޯމުން ދައްކުވައިދެނީ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ހޯދުމަށް ބޭނުންވާ އަޅުގަނޑުމެންގެ ކަސްޓަމަރުން ދެއްވާ ހިޔާލުތަކާ އެއްގޮތަށް ގެނެވުނު ރަނގަޅު ބަދަލުތައް. ބޭންކުން ކުރާ ކޮންމެ 10 މުޢާމަލާތުގެ ތެރެއިން 9 މުޢާމަލާތް ހިނގަމުންދަނީ އޮންލައިންކޮށް،" އެންޑްރޫ ވިދާޅުވިއެވެ.
ބީއެމްއެލް ހެޑް އޮފީހުގައި ބުރާސްފަތި ދުވަހު މެންދުރުފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ (ވ) އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
"އިންޓަނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރުވެސް ދަނީ ވަރަށް ބާރު މިނެއްގައި އިތުރުވަމުން. ބޭނުންކުރަން ފަސޭހަ އަދި ގިނަ އާ ފީޗާތަކެއް ހިމަނައިގެން އަލަށް ތައާރަފްކުރާ ބީއެމްއެލް އިންޓަނެޓް ބޭންކިންގ ޕްލެޓްފޯމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ޔަގީން."
އަލަށް ތަޢާރަފްކުރާ ޚިދުމަތްތަކުގެ ތެރޭގައި:
- އެކައުންޓުން ކުރާ މުއާމަލާތްތައް ބެލޭނެ ގޮތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމާއި، ޓްރާންސްފަރ އަދި ފައިސާ ދެއްކުމުގެ ފަސޭހަތައް.
- ކުރިއަށްވުރެ އަވަހަށް ލޮގިންވެ އަދި ޕާސްވޯޑް ރީސެޓްކުރުން.
- ބީއެމްއެލް ލެޓަރހެޑްގައި އެކައުންޓް އަދި ކްރެޑިޓް ކާޑު ސްޓޭޓްމަންޓް ޑައުންލޯޑްކުރެވުން.
- އިންޓަނޭޝަނަލް ޓްރާންސްފަރ ތަކަށް ބޭނުންވާނެ ލިޔެކިޔުން އަޕްލޯޑް ކުރެވޭނެ ނިޒާމް.
- އެންމެ ފަހުގެ އެންޓި ފްރޯޑް އަދި އެހެނިހެން ސަލާމަތީ ފިޔަވަޅުތައް
ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލްއިން ދަނީ މިހާރުވެސް މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ދެމުންނެވެ.