04 May 2017, 17:29
ބްލަކް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންސިއުމާ ފެއާ މިއަދު އާޓްގެލަރީގައި ފަށައިފިއެވެ.
މިއީ ކޮންސިއުމާ ފެއާ ބާއްވާ ފަސްވަނަ ފަހަރެވެ. މިއަހަރުގެ ފެއާގައި ޖުމްލަ 12 ކުންފުންޏަކުން ބައިވެރިވާއިރު، ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ގަޑިއަކު ގުރުއަތުލުމެއް ނަގާނެ އެވެ. އަދި ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ހަދިޔާއެއް ދޭން ވަނީ ހަމަޖައްސާފައެވެ.
ކޮންސިއުމާ ފެއާގެ ޕާޓްނަރުން:
- އެކްސްކްލޫސިވް ސްޕޮންސާ: ބީއެޗްއެމް
- ސެޓްއަޕް ޕާޓްނަރ: ޝޭޑީ ކެބިން
- ޕްރިންޓް ޕާޓްނަރ: އެމް7 ޕްރިންޓްސް
- ޓެލެކޮމް ޕާޓްނަރ: ދިރާގު
- މީޑިއާ ޕާޓްނަރުން: ސަން އޮންލައިން، އަވަސް އޮންލައިން އަދި ކޯޕަރޭޓް މޯލްޑިވްސް
- ސެކިއުރިޓީ ޕާޓްނަރ: އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސްޑް ޕްރޮޓެކްޝަން (އެސެޕް)
ކޮންސިއުމާ ފެއާގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު
އާޓް ގެލަރީގައި މިއަދު ފެށި އެ ފެއާ ހުޅުއްވައިދެއްވީ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމެވެ. ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ކޮންސިއުމާ ފެއާ އަކީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރި ޕްރޮމޯޓު ކުރުމަށް ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން އެމްޕީއެލް މެދުވެރިކޮށް ފާއިތުވި އަހަރު ތަކުގައި އަހަރުން އަހަރަށް އެތެރެ ކުރާ މުދަލުގެ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
"މިކަހަލަ ފެއާތަކެއް ހުޅުވިގެން ދިއުމަކީ މިކަހަލަ ޕްލެޓްފޯމެއްގެ ތެރެއިން ވިޔަފާރިވެރިންނަށް ކޮންސިއުމަރުންނާ ބައްދަލުވެ ރާއްޖެއަށް އެތެރެކުރެވޭ ބްރޭންޑުތައް ނުވަތަ ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ތަފްސީލު ގޮތެއްގަ އެނގިގެންދާނެ ވަސީލަތެއް ކަމުގައިި ފާހަގަކޮށްލަން ބޭނުންވޭ،" ހަލީމް ވިދާޅުވިއެވެ.
ކޮންސިއުމާ ފެއާގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު
އޭނާ ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގައިވެސް އެފަދަ ފެއާތަކެއް ބޭއްވިގެން ދިއުމަކީ މުހިއްމު ކަމެކެވެ.
މޯލްޑިވްސް ކޮންސިއުމާ ފެއާއަކީ އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކާއި، މުދާ ގަންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެވޭނެ ގޮތެއް ހަމަޖައްސައިދޭ ޕްލެޓްފޯމެކެވެ.
މިފެއާ އިންތިޒާމު ކުރާ ބްލަކަކީ ރާއްޖޭގައި ބާއްވާ އެކިއެކި މައުރަޒުތަކާއި އެހެނިހެން އިވެންޓުތައް ވެސް މެނޭޖްކުރަމުން އަންނަ ކުންފުންޏެކެވެ. ލިވްއަބޯޑް އެސޯއިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ މައުރަޒު، މޯލްޑިވްސް މެރިން އެކްސްޕޯވެސް މިހާތަނަށް ބާއްވަމުން އައީ ބްލަކްއިންނެވެ.