މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހުތައް ފާސްކުރުމަށް ބާއްވަން ނިންމި ހިއްސާދާރުންގެ ޚާއްސަ ޢާންމު ޖަލްސާ މިމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

އެ ޖަލްސާ ބާއްވަން ފުރަތަމަ ތާވަލް ކުރީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 9:00ގައި، ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ. އަދި ތާރީޚު ފަސްކޮށް 18 ވަނަ ދުވަހު ޖަލްސާ ބާއްވަން ނިންމީ ވެސް ހަމަ ހޮޓެލް ޖެންގަ އެވެ.

އެމްޓީސީސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، "ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ"ގައި ނިންމާ ކަންކަމުގެ ތެރޭގައި، ހިއްސާގެ މޫނުމަތީ އަގު ދަށްކޮށް، ރައިޓްސް އިޝޫކުރުމަށް ޓަކައި ކުންފުނީގެ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް ފާސްކުރުން އޮންނާނެ އެވެ.

އެ ޖަލްސާ އިން ގަރާރު ފާސްވެއްޖެ ނަމަ، އެކުންފުނީގެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ކުޑަވެ، އެއް ހިއްސާއަކީ 10 ހިއްސާ ކަމުގައި ވާނެ އެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަށް ރައިޓްސް އިޝޫކުރުމަށެވެ.

މީގެ އިތުރުން އެކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށްޓަކައި، ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތައް ފާސްކުރުން ވެސް އޮންނާނެ އެވެ.

އެމްޓީސީސީ އިން ވަނީ، ކުންފުނީގެ ހިންގާ ގަވައިދު ނުވަތަ އާޓިކަލްސް އޮފް އެސޯސިއޭޝަނަށް ވެސް ގިނަ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު 10 އަކުން ހަތަކަށް މަދު ކުރުމާއި ސާކިއުލާ މެދުވެރިކޮށް ބޯޑު ޑިރެކްޓަރުން ގަރާރުތައް ފާސްކުރުމާއި އަހަރީ އާންމު ޖަލްސާތަކުގައި ޕްރޮކްސީންނަށް ތަމްސީލުކުރެވޭ ހިއްސާދާރުންގެ އަދަދު، 500 އިން 100 އަށް މަދުކުރުން ހިމެނެ އެވެ.

ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބައިވެެރިވާ ހިއްސާދާރުން ރަޖިސްޓްރީވުން، 18 މޭއި ވާ ބުރާސްފަތި ދުވަހު ހޮޓެލްޖެންގައި ހެނދުނު 08:00 އިން 08:45 އާ ހަމައަށް ކުރިއަށްދާނެ އެވެ.

އެމްޓީސީސީއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ނިންމައިފަ އެވެ.

އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚު އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.