10 Jul 2011, 08:58
ތެހެރާން: އީރާނުން ފުރަތަމަ ފަހަރަށް ދުރުރާސްތާގެ މިސައިލް އިންޑިޔާ ކަނޑާދިމާއަށް ތަޖްރިބާ ކޮށްފިއެވެ.
"އައްރަސޫލުލް އަޢްޒަމް" ގެ ނަމުގައި އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުން ކުރިޔަށް ގެންދާ ޢަސްކަރީ ފަރިތަކުރުންތަކެއްގައި އެއްހާސް ނުވަސަތޭކަ ކިލޯ މީޓަރުގެ ރާސްތާގެ ދެ މިސައިލް އީރާނުގެ އުތުރުގެ ސިމްނާން ޕްރޮވިންސުން އިންޑިޔާ ކަނޑަށް ފޮނުވާލާފައިވާ ކަމަށާ މިދެމިސައިލްވެސް ކާމިޔާބު ކަމާއެކު އިންޑިޔާ ކަނޑާއި ޢަރަބި ކަނޑު ގުޅިފައިވާ ހިސާބަށް ވާސިލްވެފައިވާ ކަމަށް އީރާނުގެ ޖެނެރަލެއް ކަމަށްވާ އަމީރު ޢަލީ ޙާއްޖީ ވިދާޅުވިއެވެ. މިއީ ކޮންމަރުކާއެއްގެ މިސައިލްތަކެއްކަން އޭނާ ހާމައެއް ނުކުރައްވައެވެ.
އީރާނުން މިހާތަނަށް މިސައިލް ތަޖްރިބާ ކުރަމުން ގެންގޮސްފައިވަނީ އެޤައުމުގެ އެއްގަމާއި ކަނޑުގެ އިމުގެ ތެރޭގައެއެވެ. ނަމަވެސް ބައެއް މިސައިލް ތަޖްރިބާތައް ގަލްފުގެ ބައިނަލްއަޤްވާމީ ސަރަޙައްދުގައި ކޮށްފައިވެއެވެ.
އިންޑިޔާ ކަނޑުގެ ބައިނަލްއަޤްވާމީ ސަރަޙައްދުގައި އީރާނުން މިސައިލް ތަޖްރިބާ ކުރުމުގެ ބޭނުމަކީ އީރާނާ ދުރުގައިވާ އަމާޒުތަކަށް މިސައިލުން ޙަމަލާ ދިނުމުގެ ޤާބިލްކަން ލިބިފައިވާކަން، އިސްރާއީލާއި އެމެރިކާފަދަ، އީރާނަށް ބިރު ދައްކާ ޤައުމުތަކަށް ސާބިތު ކޮށްދިނުން ކަމަށް މުރާސިލުން ބުނެއެވެ.
އީރާނުން މިސައިލް ތަޖްރިބާކުރި ސަރަޙައްދަކީ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައްވެސް ޙަރަކާތްތެރިވާ ސަރަޙައްދެއް ކަމަށް އީރާނުގެ ޖެނެރަލް ވިދާޅުވިއެވެ. ނަމަވެސް އީރާނުން މިތަޖްރިބާއާބެހޭ ގޮތުން އެމެރިކާ ބަޔާނެއް ދީފައެއްނުވެއެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާއެއްދީފިނަމަ އެކަމަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ޙަމަލާދޭން ބޭނުންވާ އިސްރާއީލާއި އެމެރިކާގެ އަމާޒުތަކުގެ 95 ޕަސެންޓް ތަންތަން ހުރީ އީރާނުގެ ދުރުރާސްތާގެ މިސައިލްތައް ފޯރާފަށުގައި ކަމަށް އީރާނުން ބުނެއެވެ. -- ރޮއިޓާސް / ޖަވާދު