04 May 2017, 15:47
ލަންޑަން (މެއި 4): އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތްގެ ފިރިކަލުން ޕްރިންސް ފިލިޕް، ޝާހީ މަސައްކަތްތަކާ ދުރަށްޖެހިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ބަކިންހަމް ޕެލެސް އިން އިއުލާންކޮށްފި އެވެ.
ޝާހީ ގަނޑުވަރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެއީ ޕްރިންސް ފިލިޕް އަމިއްލަފުޅަށް ނިންމަވައި، ރާނީ އެލިޒަބެތް ތާއިދު ކުރެއްވި ނިންމުމެކެވެ.
އެއިއުލާނުގައިވާ ގޮތުން ޕްރިން ފިލިޕް ރިޓަޔާ ކުރައްވާނީ އޮގަސްޓު މަހާ ހަމައަށް ޝެޑިއުލްކޮށްފައިވާ އިވެންޓުތަކަށް ވަޑައިގެންނެވުމަށް ފަހުގަ އެވެ. ނަމަވެސް މިހާރު ގަބޫލު ކުރައްވާފައިވާ ދައުވަތު ނޫން އިތުރު ދައުވަތެއް ދެން ގަބޫލު ނުކުރައްވާނެ ކަމަށް ގަނޑުވަރުން ބުނެ އެވެ.
ޕްރިންސް ފިލިޕް ރިޓަޔާ ކުރެއްވި ނަމަވެސް ރާނީ އަދިވެސް ޝާހީ މަސައްކަތްތަކާ ދުރަށްޖެހިވަޑައިގަތް ނުގަންނަވާނެ ކަމަށް ގަނޑުވަރުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޝާހީ އާއިލާގެ މަސައްކަތްތައް ބަލަހައްޓާ އިދާރާއިން ބުނާ ގޮތުގައި މިދިޔަ އަހަރު ޕްރިންސް ފިލިޕް ވަނީ 110 ދުވަހުގެ ޝާހީ މަސައްކަތްތައް އަދާ ކުރައްވައިފަ އެވެ. އެހެންކަމުން އޭނާއަކީ ފަސް ވަނައަށް އެންމެ ގިނަ މަސައްކަތް ކުރެއްވި ޝާހީ އާއިލާގެ މެމްބަރު ކަމަށް އެއިދާރާއިން ބުނެ އެވެ.
ޕްރިންސް ފިލިޕް ރިޓަޔާ ކުރެއްވި ނަމަވެސް އަދިވެސް ބައެއް ފަހަރު، ބައެއް މަސައްކަތްތައް އަދާ ކުރައްވާނެ ކަމަށް ވެސް ގަނޑުވަރުން ބުނެ އެވެ.
ރާނީ އެލިޒަބެތާއި ޕްރިންސް ފިލިޕްގެ ކައިވެންޏަށް އަންނަ ނޮވެމްބަރު މަހު 70 އަހަރު ފުރޭނެ އެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހު ޕްރިންސް ފިލިޕްގެ އުމުރުފުޅުން 96 އަހަރު ފުރޭނެ އެވެ. (ބީބީސީ)