04 May 2017, 15:59
ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ މިއަދަށް 1000 ދުވަސް ހަމަވެފައިވާ އިރު، އޭނާ އަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފި އެވެ.
ރިލްވާންގެ މަންމަ އައިމިނަތު އީސާ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިލްވާން "ގެއްލުވާލުމުގައި" އުޅުނު ބަޔަކު ނުހޯދި ވީނުވީއެއް ނޭނގުމަކީ ހިތަށް ކެއްވާވަރުގެ ކަމެއް ނޫން ކަމަށެވެ.
ކޮންމެ ދުވަހަކު ވެސް އެ އާއިލާއިން ތިބެނީ ރިލްވާނަށް ވީގޮތެއް އޮޅުން ފިލައި އެކަމުގެ މައުލޫމާތު ލިބޭނެ ކަމުގެ އުންމީދުގަިއ ކަމަށެވެ.
"ރިލްވާނަށް ވީގޮތުގެ ތެދު މައުލޫމާތު ލިބެންދެން ކެއްތެރިކަމާ އެކު އަޅުގަނޑުމެން އިންތިޒާރު ކުރާނަން،" ރިލްވާނުގެ މަންމަ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޔާމީން ރަޝީދަކީ ދަރިއެއް ފަދަ ކުއްޖެއް ކަމަށާއި، އޭނާ މަރާލުމަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު ހިތާމައެއް ކަމަށް ރިލްވާންގެ މަންމަ ވަނީ ބުނެފަ އެވެ.
ރިލްވާނަށް ވީގޮތް އޮޅުން ފިލުވައިދީ މައްސަލަ ސާފުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށް އަދި އދ.ގައި ވެސް އެދިފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ކަންބޮޑުވާ ކަމަށް ރިލްވާންގެ މަންމަ ބުންޏެވެ.
ރިލްވާން ގެއްލުނު މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ދެމީހަކު ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކީ ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމަންޓު ކައިރިން އޭނާ ގަދަކަމުން އަރުވައިގެން ދިޔަ ކަމަށް ބުނާ ކާރުގެ ވެރިފަރާތް ކަމުގައިވާ ހ. ހިލްޓަން އަހްމަދު އާލިފް ރައޫފެވެ. ދެން ހައްޔަރުކުރީ ކާކުކަމެއް އަދި ސާފެއް ނުވެ އެވެ.
ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.