ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް އެއްވެސް މެޗަކުން ބަލިނުވެ އެމްޕީއެލް އަދި އެމްއާރްޑިސީ ދަތުރުކޮށްފި އެވެ.

ރޭ މާފަންނު ވެލިދަނޑުގައި ކުޅުނު ސެމީފައިނަލު މެޗުގައި އެމްޕީއެލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ޗެމްޕިއަން ބީއެމްއެލް ބަލިކޮށްގެންނެވެ. އަދި އެމްއާރްޑީސީ އިން ޖާގައެއް ކަށަވަރު ކުރީ ސެމީފައިނަލުގައި ފަސޭހަކަމާ އެކު އެމްއޭސީއެލް ބަލިކޮށްގެންނެވެ.

ވަރުގަދަ ސްކޮޑަކާ އެކު ނުކުތް މިދިޔަ އަހަރުގެ ޗެމްޕިއަން ބީއެމްއެލް ކޮޅަށް ސެމީ ފައިނަލު މެޗުގައި އެމްޕީއެލްއިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ވާދަވެރިކޮށް ދިޔަ އެމެޗުގައި އެމްޕީއެލް ކޮޅަށް ބީއެމްއެލް އިންވެސް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

އެމްއާރްޑިސީގެ ކެޕްޓަން އިސްމާއިލް އީސަ (މެސީ)-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއޭސީއެލްގެ މައްޗަށް ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސަގެ ކެޕްޓަން ކަމުގެ ދަށުން ނުކުތް އެމްއާރްޑީސީން ކާމިޔާބުހޯދީ 6-0 ގެ ނަތީޖާއަކުންނެވެ. ފަސޭހަ ކަމާ އެކު އެ މެޗު އެމްއާރްޑިސީން ކާމިޔާބުކުރި އިރު އެޓީމުގެ ގޯލްތަކުގެ ތެރެއިން ހަސަން އަދުހަމް (ސަޑޭ) އަދި މެސީ ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މުހައްމަދު ލިޔާހް އަދި ޓީސީ ގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) ވަނީ އެއް ގޯލް އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

އެމްއާރްޑީސީ އަދި އެމްޕީއެލް ކުޅޭ ފައިނަލް މެޗް އޮންނާނީ މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ 20:45 މާފަންނު ވެލި ދަނޑުގަ އެވެ.