04 May 2017, 15:01
ބާސްކެޓް ބޯޅަ ކުޅޭ އަންހެން ކުޅުންތެރިންނަށް ބުރުގާ އެޅޭ ގޮތައް ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ ފެޑްރޭޝަން (ފިބާ) އިން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ފީބާގެ މިޑްޓާމް ކޮންގްރެސްއިން ނިންމާފައި ވަނީ ބައިނަލް އަގުވާމީ ބޮޑެތި މުބާރާތްތަކުގައި މީގެ ފަހުން ބޮލުގައި އެއްޗެހި (ބުރުގާ އަދި ތާކިހާ) އަޅައިގެން ކުޅެވޭނެ ކަމަށާއި އެ ގޮތަށް މިއަދުން ފެށިގެން އަމަލު ކުރުމަށެވެ.
އެކަމާ ގުޅިގެން ފިބާއިން ނެރުނު ސްޓޭޓްމަންޓުގައި ބުނަނީ އެގޮތައް ނިންމީ ގިނަ ގައުމު ތަކުގެ ސަގާފަތް އޮންނަ ގޮތުން އެ ކުޅުންތެރިން ހެދުން އަޅާއިރު ބޮލުގައި އެއްޗެއް އެޅުމަކީ އެމީހުންގެ ސަގާފަތާއި ދީން އެކަމަަށް ބާރު އަޅާ ކަމެއް ކަމުން ވަކި އުސޫލުތަކެއްގެ ދަށުން އެކަން ހުއްދަ ކުރަން ފިބާގެ މެމްބަރު ގައުމުތަކުން ނިންމީ ކަމަށެވެ.
ފިބާއިން އާންމުކުރި އައު ގަވައިދުގައި ބުނަނީ މުޅި ހަށިގަނޑު ނިވާކޮށްގެން އަދި ބޯ ނިވާކޮށްގެން ވެސް ކުޅުންތެރިއާ އަށް ކުޅެވިދާނެ ކަމަށާއި ނަމަވެސް ބޯ ނިވާކުރާއިރު ކުޅުންތެރިއާގެ މޫނު ނިވާކޮށްގެން ނުވާނެ ކަމަށާއި އަދި ބޮލުގައި އަޅާ އެތީގެ ސަބަބުން އެހެން ކުޅުންތެރިއަކަށް އުނދަގޫ ވެގެން ނުވާނެ ކަމަށެވެ.
ފެބްރުއަރީ 25، 2017: ތިންވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗުގެ ތެރެއިން: ވާދަވެރި ކުޅުމަކަށްފަހު ޒިގްޒެގް ބަލިކޮށް، ސައިކްލޯން މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ ދެ އަހަރު ކުރިން ބާސްކެޓަށް ފޯރި ހުންނަ މެމްބަރު ގައުމު ތަކުންވަނީ ކުޅުންތެރިންނަށް ބުރުގާ އަޅައިގެން ކުޅެވޭ ގޮތައް ހެދުމަށް ފިބާއަށް ޕްރެޝަރު ކުރުމަށް ޝޯސިއަލް މީޑިޔާގައި ހާއްސަ ކެމްޕެއިނެއް ކުރިއަށްގެންގޮސްފައެވެ.
އެކަމާ ގުޅިގެން ގިނަ ގައުމުތަކެއްގައި ހާއްސަ ގޮތެއްގައި މުސްލިމު ގައުމު ތަކުގެ ބާސްކެޓްބޯޅަ ކުޅުންތެރިންދަނީ އުފާ ފާޅު ކުރަމުންނެވެ. އެކުޅުންތެރިން ބުނެފައިވަނީ އެއީ ވަރަށް ފުރިހަމަ ނިންމުމެއް ކަމަށާއި އެ ނިންމުގެ ސަބަބުން ބާސްކެޓަށް އިތުރު ދިރުން ތަކެއް ލިބިގެންދާނެ ކަމަށެވެ.
ފިބާގެ އެ ނިންމުމާ ގުޅިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެރަޓަރީ އަހްމަދު މަރްޒޫގް ވެސް ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާފޭސްބުކްގައި ޕޯސްޓްއެއް ކޮސްފައެވެ. އޭނާ ބުނެފައި ވަނީ އެ ނިމުމަށް މުސްލިމު ހުރިހާ ބާސްކެޓް ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ.