މޯލްޑިވިއަން އައިޑޮލުން އާންމުންގެ މަގުބޫލުކަން ހޯދި ޝަލަބީ އިބްރާހީމަކީ އަބަދުވެސް އޭނާގެ ފޭނުންނަށް ހަދިޔާތައް ގެނެސް ދޭ ކުޅަދާނަ ފަންނާނެކެވެ. އަނެއްކާވެސް ރޭ މި ވަނީ ވަރަށް ހިތްގައިމު ލަވައެއް ދޫކޮށްލާފައެވެ. ގިނަ ފޭނުންގެ އެދުމުގެ މަތިން "ބޭނުމޭ އިޝްގާ" ލަވަ ރޭ ނެރުނު އިރު ގިނަ ބަޔަކު ތިބީ އެ ލަވަ އަޑު އަހަން ކެތްމަދުވެފައެވެ.

ޝަލަބީގެ "ބޭނުމޭ އިޝްގާ" ގެ އޯޑިއޯ ސައުންޑް ކްލައުޑުން މިހާރު އަޑު އަހާލެވޭނެ އެވެ.

އެ ލަވަ ރޭ ފޭނުންނަށް ދޫކޮށްލާފައި ވާއިރު އެތައް ހާސް ބަޔަކު މިހާރުވެސް ވަނީ ލަވަ އަޑު އަހާފައެވެ.

"ބޭނުމޭ އިޝްގޭ" އެންމެ ފުރަތަމަ އިވިގެން ދިޔައީ ހުޒާމްގެ އަޑުންނެވެ. ދެން 2015 ވަނަ އަހަރު "އެންމެ ރީތި އީދު ޝޯ" ގައި ރިޒޫ ވެސް ވަނީ އެ ލަވައިގެ ކަވާ އެއް ނެރެފައެވެ. ރޭ ޝަލަބީގެ އަޑުން އެ ލަވަ ދޫކޮށްލާފައި ވާއިރު އިތުރު ލަވަތަކުގެ ކަވާ ވެސް ޝަލަބީ ވަނީ މީގެ ކުރިން ކިޔާފައެވެ.

ކޮންމެ އަކަސް ޝަލަބީގެ "ބޭނުމޭ އިޝްގާ" މި ވަނީ ވައިގަ ހިފާފައެވެ. އޭނާގެ އިތުރު ހަދިޔާތައް އަދިވެސް ކުރިޔަށް ހުރީއެވެ. ރޭ ނެރުނު ލަވައިގެ އިތުުރުން އެހެން ލަވަތަކުގެ ކަވާ ވެސް ޝަލަބީގެ އަޑުން އަހާލުމަށް ފޭނުން އެދެމުންދާއިރު މިވަގުތު ޝަލަބީގެ ޝެޑިއުލް "ބިޒީ" ކަމުން އިތުރު ލަވައެއް އަޑު އިވޭކަށް ނެތެވެ. އެހެން ނަމަވެސް އުންމީދު ކަނޑާ ނުލާށެވެ.

ވަރަށް އަވަހަށް އަނެއްކާވެސް ގިނަ ހަދިޔާތަކެއް އޭނާގެ ފޭނުންނަށް ހަދިޔާކުރަން މަސައްކަތް ކުރާ ވާހަކަ ވަނީ ފެތުރިފައެވެ. އޭގެ އިތުރުން އަންނަ ރޯދަމަހު ވެސް ޝަލަބީގެ ލަވަތައް ފެންނާނެ އެވެ. ޝަލަބީ އޭނާގެ ފޭނުން ފޫހި ނުކުރާނެއެވެ. ލަވަތައް އަޑު އަހަން އިންތިޒާރު ކޮށްލާށެވެ.