04 May 2017, 14:33
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ދެ ހުކުމް ތަންފީޒުކޮށް ނިމެން މަހަކަށް ވެފައިވަނިކޮށް، ހައި ކޯޓުގައި އެ ހުކުމުތަކުގެ އިސްތިއުނާފު އަޑުއެހުން ތާވަލުކޮށްފި އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމުގެ ދެ ދައުވާއެއް މަހުލޫފުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ 10 މަހާއި 24 ދުވަހަށެވެ. އެ މުއްދަތު ފެށޭ މަހުގެ ނުވައަކަށް ހަމަވާނެ އެވެ.
މަހުލޫފު ހަ މަސް ދުވަހަށް ޖަލަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިދިއަ އަހަރު އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ބާއްވަން ހައި ކޯޓުން ތާވަލުކޮށްފައި ވަނީ މިމަހުގެ 15 ދުވަހު އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު މަހުލޫފް ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
މަހުލޫފަށް އެ ހުކުމް އިއްވީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.