ތިމާވެއްޓާ ރަހުމަތްތެރި އަދި ތިމާވެށި ދެމެހެއްތުމަށް މަސައްކަތްކުރާ ފަތުރުވެރިކަމުގެ މަންޒިލުތަކާ ބެހޭ މައުލޫމާތު ގެނެސްދޭ މެގަޒިން "ގްރީން ހޮޓެލިއާ"އިން ހޮވާ، ދުނިޔޭގެ އެންމެ ތިމާވެއްޓާ ރަހުމަތްތެރި ހޮޓެލްތަކުގެ ތެރޭގައި ރާއްޖޭގެ ސޮނޭވާފުށި ހިމެނިއްޖެ އެވެ.

ގްރީން ހޮޓެލިއާ އިން ދުނިޔޭގެ ހަތަރު ސަރަހައްދަކުން ވަނީ، އެންމެ ތިމާވެއްޓާ ރަހުމަތްތެރި، ނުވަތަ ގްރީނެސްޓް ހޮޓެލްސް ހޮވައިފަ އެވެ.

އޭގެ ތެރެއިން އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ ގްރީނެސްޓް ހޮޓެލްގެ ގޮތުގައި ހޮވުނީ ބ. އަތޮޅު ކުންފުނަދޫގައި ހިންގާ ސޮނޭވާފުށި ރިސޯޓަށެވެ. ސޮނޭވާފުށްޓަށް އެވޯޑު ލިބުނީ އޮސްޓްރޭލިއާގެ ކްރިސްޓަލް ކްރީކް މެޑޯސް އަދި ސްރީލަންކާގެ ޖެޓްވިންގް ޔާލާ ހޮޓެލްއާ ވާދަކޮށްގެންނެވެ.

ސޮނޭވާފުށިން މީގެ ކުރިން ފަށައިގެން ވެސް ދިޔައީ ތިމާވެއްޓާ ރަހުމަތްތެރިކަމާއި ދެމެހެއްޓެނިވި ގޮތްގޮތަށް ކަންކަން ކުރުމަށް ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން، އެ ރިސޯޓުގައި ކުނީގެ ގޮތުގައި އުކާލެވޭ ތަކެތީގެ 90 ޕަސަންޓުން އާމްދަނީ ހޯދުމުގެ މަސައްކަތް އެރިސޯޓުން ކުރެ އެވެ. އެރަށުން އެއްކުރާ، ބޭނުން ނުކުރާ ފުޅިތޮއްޓާއި ބިއްލޫރިން ކޮންސްޓްރަކްޝަނަށް ގައު އުފައްދަ އެވެ.

ޔޫރަޕުގެ އެންމެ ތިމާވެއްޓާ ރަހުމަތްތެރި ހޮޓެލްގެ ގޮތުގައި ހޮވާފައި ވަނީ ޖަރުމަނުގެ ލަންގުޓް ސްޓޯބާ ހޮޓަލެވެ. އެފްރިކާއާއި މެދުއިރުމަތީގެ ސަރަހައްދުން ހޮވުނީ ޓެންޒޭނިއާގެ ޗޯލް މްޖިނީ ލޮޖް އެވެ. އަދި އެމެރިކާ ބައްރުން ހޮވުނީ ޕެރޫގެ ހޮޓަލެކެވެ.