04 May 2017, 13:49
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރަށް އަރައިގަތް ކަމަށް ބުނެ، އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމުން، އެ ފައިސާ މިއަދު ދައްކައި ހަލާސްކޮށްފި އެވެ.
RTV just paid the highest fine ever imposed on a broadcaster which we feel was unjust&unfair.Appreciate all the help provided by wellwisherspic.twitter.com/alYIWhj5RC
— RaajjeTV (@Raajje_tv)May 4, 2017
ބްރޯޑްކާސްޓިން ކޮމިޝަނަށް ޖޫރިމަނާ ދެއްކުމަށްފަހު ރާއްޖެޓީވީން ވަނީ، އެ ސްޓޭޝަން ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފު ކުރަން ނިންމާފަ އެވެ.
ރާއްޖެޓީވީގެ ސީއީއޯ ފިޔާޒު މޫސާ "ސަން"އަށް މިއަދު ވިދާޅުވީ އެ ފައިސާ ދެއްކީ އެއްވެސް ގޮތަކަށް އެއީ ދައްކަންޖެހޭ އެއްޗެއް ގޮތަށް ދެކިގެން ނޫން ކަމަށެވެ. ފައިސާ ދެއްކީ ފައިސާ ނުދައްކާ އެ މައްސަލަ އިސްތިއުނާފު ނުކުރެވޭތީ ކަމަށް ފިޔާޒު ވިދާޅުވި އެވެ.
އެ މައްސަލާގައި ބްރޮޑްކާސްޓިން ކޮމިޝަނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
"މަޖުބޫރުން ގާނޫނުތަކާ ހިލާފަށް ފައިސާ ނުދައްކާ އިސްތިއުނާފު ވެސް ނުކުރެވޭތީ ފައިސާ ދެއްކީ، ކޯޓަށް ދާނަން،" ފިޔާޒު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެ ޓީވީ 200،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވާތީ އެ ފައިސާ އެ ކޮމިޝަނުން ވަނީ ދައްކައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅައި މިއަދު ވަނީ ޝަރީއަތް ފަށާފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ރައީސް އޮފީސް
އެ މައްސަލާގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް ރަޝީދު އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފަހުން ވަނީ އިއުތިރާފުވެފަ އެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން މީޑިއާތަކާ މެދު ފިޔަވަޅު އަޅަމުންދާއިރު ރާއްޖޭގެ ގިނަ މީޑިއާތަކުން އަންނަނީ އެ ކޮމިޝަނަށް ފާޑުކިޔަމުންނެވެ. ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވާ މިހާރު ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވާ ގޮތުގައި ބްރޮޑްކާސްޓިން ކޮމިޝަން އެއީ ސަރުކާރުން ހައިޖެކް ކޮށްފައި އޮތްތަނެއް ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ކުރިން ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ހަމައެކަނި ކުރާކަމަކީ މީޑިއާތަކާ މެދު ފިޔަވަޅު އެޅުން ނޫން ކަމަށާއި ތަމްރީނު ކުރުމަށް ވެސް މަސައްކަތްކުރާ ކަމަށެވެ.