މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭ ދައުލަތުގެ އާމްދަނީގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ(ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ މީރާ އަށް ލިބިފައިވާއިރު މިދިޔަ ޖޫން މަހު އެކަނިވެސް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާ މީރާ އަށް ލިބިފައިވެ އެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ އާމްދަނީގެ ގޮތުގައި މީރާ އަށް ދައްކައިފައިވަނީ 521.5 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 86 ޕަސަންޓް ލިބިފައިވަނީ ޑޮލަރުންނެވެ. އެއީ 29.2 މިލިއަން ޑޮލަރު ނުވަތަ ރަސްމީ ރޭޓުން ގާތްގަނޑަކަށް 450.3 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާ އަށް ޑޮލަރުން ލިބިފައިވާ އާމްދަނީ 137.7 މިލިއަން ޑޮލަރަށް އަރަ އެވެ.

ޖޫން މަހުގެ އާމްދަނީގެ ދެބައިކުޅަ އެއްބައި ހިމެނެނީ ރިސޯޓްތަކުގެ ކުލީގެ ގޮތުގަ އެވެ. ކުލީގެ ގޮތުގައި 231 މިލިއަން ރުފިޔާ ރިސޯޓްތަކުން މީރާ އަށް ދައްކައިފައިވެ އެވެ. އަދި ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް )ޖީއެސްޓީ( ގޮތުގައި 61.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ އޮތޯރިޓީގެ ހިސާބުތަކުން ދައްކަ އެވެ.

ހަމަ އެއާއެކު، މިދިޔަ މަހު ޓޫރިޒަމް ޓެކްސް ގޮތުގައި 57.9 މިލިއަން ރުފިޔާ އަދި ބޭންކް ޕްރޮފިޓް ޓެކްސް ގޮތުގައި 46.8 މިލިއަން ރުފިޔާ މީރާ އަށް ދައްކައިފައިވެ އެވެ.

އަދި އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި 24.2 މިލިއަން ރުފިޔާ، ފިއުލް ރީއެކްސްޕޯޓް ރޯޔަލްޓީ ގޮތުގައި 2.4 މިލިއަން ރުފިޔާ ވެސް މިދިޔަ މަހު މީރާއަށް ލިބިފައިވެ އެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި ސަރުކާރުގެ ބިން ވިއްކައިގެން މިދިޔަ މަހު 67 މިލިއަން ރުފިޔާ އެ އޮތޯރިޓީ އަށް ލިބިފައިވެ އެވެ.

އަދި މިދިޔަ މަހުން ފެށިގެން އެ އޮތޯރިޓީން އަލަށް ބަލައިގަންނަން ފަށާފައިވާ ރެސިޑެންޓް ޕާމިޓް ނުވަތަ ވިސާ ފީގެ ގޮތުގައި 3.9 މިލިއަން ރުފިޔާ، އަދި ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެތަފާސްހިސާބުތަކުން ދައްކަ އެވެ. ބިދޭސީންގެ ޑިޕޮސިޓް ދައުލަތުގެ އާމްދަނީ ތެރޭ ހިމަނައިފައެއް ނުވެ އެވެ.