ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގައި މަސައްކަތް ކުރާ ޕްރޮސެކިއުޓަރުންނަށް ޗައިނާގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ޕްރޮކިއުރޮޓަރޭޓް އޮފީހާއި ޓްރެއިނިންގް އެކަޑަމީ އަދި ކޮލެޖު ތަކުން ތަމްރީނު ދިނުމަށް ޗައިނާއާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާގެ ބެއިޖިންގްގައި ހުންނަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޮޓަރޭޓް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ އައިޝަތު ބިޝާމް އެވެ.

އިއްޔެ ވެވުނު އެ އެއްބަސްވުމުގެ ދަށުން ޕްރޮސިކިއުޝަން ދާއިރާ އިން ދެ އޮފީހުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކޮށް ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރަސްމީ ދަތުރުފުޅެއްގައި ބީޖީ ބިޝާމް ޗައިނާއަށް ވަޑައިގެންފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދަތުރު ފުޅުގައި ސުޕްރީމް ޕީޕަލްސް ކޯޓުގެ ފަރސްޓް ވައިސް ޕްރެޒިޑެންޓާއި ނޭޝަނަލް ޕްރޮސިކިއުޓާސް ކޮލެޖަށް ޒިޔާރަތްކުރެއްވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި ޝަންގްހާއި މުނިސިޕަލްޓީގެ ޕީޕަލްސް ޕްރޮކިއުރޮޓަރޭޓްގެ ލީޑަރުންނާއި ބެއިޖިންގް މުނިސިޕަލްޓީގެ ޑޮންޝެން ޑިސްޓްރިކްޓްގެ ޕީޕަލްސް ޕްރޮކިއުރޮޓަރޭޓްގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.