09 Jul 2011, 23:54
23:59
ބަލިވެގެން ފަރުވާ ހޯދަން ގއ. ކަނޑަހުޅުދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެން ކުއްޖަކަށް މަރުކަޒުގެ މެނޭޖަރާއި އިތުރު މީހަކު ބައިވެރިވެގެން "ފަންޑިތަ" ހަދައިދީފި އެވެ.
ކަނޑުހުޅުދޫން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ނޭވާލާން އުނދަގޫވެ، ހާލު ބޮޑުވެގެން މިރޭ އިރާކޮޅު ސިއްހީ މަރުކަޒަށް ގެންދިޔަ އެރަށު ފޫހިވާގޭ، މުސްތަގީމާ އަލީ 15، އެޑްމިޓްކޮށްފައި އޮއްވާ ސިއްހީ މަރުކަޒުގެ މެނޭޖަރު, ތުއްތު ދީދީ ފެންތައްޓެއް ހިއްޕަވައިގެން ވަޑައިގެން "ފަންޑިތަ ހަދަން ފެށި" ކަމަށެވެ. އަދި ފަންޑިތަ ހެދުމަށް ރަށު ތެރެއިން މީހަކު ގެނައުމަށް އަންހެންކުއްޖާގެ ބައްޕަ، އަލިފުތާ ގާތުގައި އެދިވަޑައިގެންނެވި ކަމަށެވެ. އޭނާ އަދި ބުނީ މެނޭޖަރުގެ އެދިވަޑައިގަތުމަށް އެ ރަށުގައި ފަންޑިތަހަދާ ކަމަށް ބުނާ މަޝްހޫރު މީހަކު މަރުކަޒަށް ގެންގޮސް ދެ މީހުން ވެގެން ކިޔަވައި އަންހެން ކުއްޖާގެ ހަށިހަނޑަށް މިރޭ ފެން ބުރުވާފައިވާ ކަމަށެވެ.
"ތުއްތު ދީދީ ހެދި ގޮތަކީ ކުއްޖާގެ ބޯކޮޅުގައި ހުރެފަ ފެންތައްޓެއް ހިފައިގެން އައިސް، ފެންތަށި ކިޔަވަކިޔަވާފަ މޫނަށް ޖަހާފަ ކުއްޖާގެ ބައްޕަ ކައިރީގައި މިބުނީ މުހައްމައިދީ )ރަށުގައި ފަންޑިތަހަދާ ކަމަށް ބުނާ މަޝްހޫރު މީހެއް( ވެސް ގޮވައިގެން އަންނާށޭ. އޭނާ ގެނައީމަ، ދެން ދެ މީހުން ވެގެން ފަނޑިތަ ހަދަން ފެށީ،" ނަން ނުޖަހަން އެދުނު މީހާ ބުންޏެވެ.
ސިއްހީ މަރުކަޒުގެ މެނޭޖަރު ތުއްތު ދީދީ މިރޭ ވިދާޅުވީ ރަށްފުށުގައި އުޅޭ މީހުންގެ ހިތްހަމަ ޖައްސާލުމަށްޓަކައި "ފެންފޮދެއް ޖަހައިލުން" އެއީ ކުރާ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަނީ ފަނޑިތަ ހަދަން ނޫން ކަމަށެވެ. މިރޭ އެކަން ކުރީ އާއިލާގެ އެދުމުގެ މަތިން ކަމަށް ވެސް ތުއްތު ދީދީ ވިދާޅުވި އެވެ.
"މި އޮންނަނީ ހިތް ނިޔަތް. އެމީހުން އެކަހަލަ ކަމަކަށް އެދުނީމަ ފެންފޮދެއް ޖަހާލުން، އެކަހަލަ ކަމެއް ކޮށްލާނެ. އެހެން ނަމަވެސް އެމީހާ ކުރަނީކީ އެކަހަލަ ކަމެއް ނޫން. ފަނޑިތައެއް ނޫން އެހަދަނީ. ހިތްހަމަ ޖައްސާލަން ކުރަނީ. އެކަން ނުކޮއްފިއްޔާ އެއަށްވުރެ ނުބައި މީހަކު ވެސް ނެތް ކަމަށް މިކަހަލަ ހޭލުންތެރިކަން ތަންކޮޅެއް ކުޑަ މީހުން ދެކެނީ. އެމީހުންނަށް ވިސްނައި ދިނަސް މިކަން އެމީހުންނަކަށް ގަބޫލެއް ނުކުރެވޭނެ. އެ ކުއްޖާގެ ބައްޕަ ބުނުމުން ފަންޑިތަ ހަދާ މީހަކު ހޮސްޕިޓަލަށް ގެނައީ،" ކުރިން ކަނޑުހުޅުދޫގެ ކަތީބުކަން ވެސް ކުރެއްވެވި ތުއްތު ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޭވާލާން އުނދަގޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެން ކުއްޖާއަށް މިހާރު ޑޮކްޓަރަކު ފަރުވާދީފައިވާ ކަމަށެވެ. ޑޮކްޓަރު ފަރުވާ ދެއްވީ ފެން ކިޔެވުމުގެ ކުރިން ކަމަށް ވެސް ވިދާޅުވި އެވެ.
ތުއްތު ދީދީ ވިދާޅުވީ އަންހެން ކުއްޖާގެ ހާލު ރަގަނޅުވަމުން އަންނަ ކަމަށާއި އެކުއްޖާ ނޭވާލާން އުދަގޫވެ މެޔަށް ތަދުވާ ކަމަށް ބުނުމުން ތަދުކަނޑުވާ އިންޖެކްޝަނެއް ވެސް ޖަހާފައިވާ ކަމަށެވެ.