15 May 2010, 15:10
19:00
ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް، އެ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ބޭރުގެ އެފަދަ ކުށްވެރިން ރާއްޖެ ގެނައުން މަނާކުރާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމާ އެކު މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުނެ، މިކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ވަރަށް ބޮޑަށް ކުށްވެރިކޮށް، ގައުމީ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ގުއަންޓަނާމޯ ބޭ ޖަލުގައި ތިބޭ މީހުން ފަދަ މީހުން ރާއްޖެ ގެނައުމުގެ ބާރު ގާނޫނު އަސާސީން ނުވަތަ އެއްވެސް ގާނޫނަކުން އަދި ގަވާއިދަކުން ވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނުވާ ކަމަށެވެ. އަދި މުދަލާއި ނަފުސުގެ ރައްކާތެރިކަން ގެއްލި، ފުލުހުންގެ ކުރިމަތީގައި ވަޅިން ހަމަލާ ދެމުންދާ މައްސަލަފަދަ މައްސަލަތައް ނުހުއްޓުވޭއިރު މިފަދަ ބޮޑެތި ކުށްވެރިން ރާއްޖެ ގެނައުމުން ރައްޔިތުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރަށް ނުތަނަވަސްވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ރައީސް ނަޝީދުގެ މި އަމަލުގެ ސަބަބުން ދިވެހިރާއްޖެ، ޓޫރިސްޓުންގެ ސުވަރުގެއަކުން ޓެރަރިސްޓުންގެ ސުވަރުގެއަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ޖަލުގައި އެތަކެއް އަހަރު ހޭދަކުރަމުންދާއިރު އެފަދަ މީހުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޓެރަރިސްޓުންގެ ގޮތުގައި ގުއަންޓަނާމޯ ބޭގެ ޖަލުގައި ތިބި ބަޔަކު ކޮންމެވެސް އިނާމެއް ހޯދުމުގެ ދަހިވެތި ކަމުގައި ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅަކީ ރާއްޖޭގެ ސަލާމަތާއި އިގުތިސޯދު ނުހަނު ހުތޫރަތްތެރި ހާލަތަކަށް ވައްޓާލުން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އަދި ބުނެފައި ވަނީ، ކުރިމަތިވެދާނެ ބިރުވެރިކަމެއްގެ ސަބަބުން އެމެރިކާއިން ބަލައިނުގަނެ އެމެރިކާގެ ފަސްގަނޑަށް ވެސް ނުގެންގޮސް ތިބި ބަޔަކު ރާއްޖެ ފަދަ ކުޑަ އަދި ވަސީލަތްތައް މަދު ގައުމަކުން ބަލައިގަންނަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ގުއަންޓަނާމޯ ބޭ ޖަލުގައި ތިބޭ ބަޔަކު ރާއްޖެ ގެނައުމަކީ ރާއްޖޭގެ ޓޫރިޒަމަށާއި، އިޖުތިމާއީ ދުޅަހެޔޮ ކަމަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި ދަންނަވައި އެ ގައުމުން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މެދުވެރިކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ ކަންތައްތަކެއް ކުރުމަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ފަރާތެއް ކަމަށާއި، އެއްވެސް ހާލެއްގައި އަމިއްލަ މަސްލަހަތަށް ފައިދާވާ ގޮތަށް ގާނޫނުތަކާއި ހިލާފަށް ކަންކަން ކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަނެގެންނެއް ނުވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ގުއަންޓަނާމޯ ބޭ ޖަލުން ބަޔަކު ރާއްޖެ ގެންނަ މައްސަލަ ފެންމަތިވީ އިދިކޮޅު ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ސަމާލުކަމަށް އެކަން ގެނައުމާ ގުޅިގެން ކަމަށް ވެސް ގައުމީ ޕާޓީގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށް، މިދިޔަ އަންގާރަ ދުވަހު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެފައިވާއިރު، އިއްޔެގެ ރޭޑިއޯ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ގުއަންޓަނާމޯބޭ ޖަލުން ދެ މީހަކު ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ސިއްރިއްޔާތުގައި ކުރަމުންދާ ކަމެއް ނޫން ކަމަށެވެ. އަދި މުސްލިމް ދެ މީހުން ރާއްޖެ އައުމަކުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށާއި ރާއްޖެއަށް ލިބޭނީ ރީތި ނަމެއް ކަމަށް ވެސް ރައީސް ނަޝީދުގެ ރޭޑިއޯ ހިތާބުގައި ވިދާޅުވި އެވެ.