އައްޑު އަތޮޅަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ އަބްދުﷲ މާޒް މޫސާ، އަކީ އުފަންވިއިރުވެސް އުނަގަނޑުން ތިރީގައި ވާގިނެތް ކުއްޖެކެވެ. ދިރިއުޅުމަށް އުންމީދުތަކެއް ކުރި ނަމަވެސް އޭނާ އެއްތަނުން އަނެއްތަނަށް ދާން މީހެއްގެ އެހީތެރިކަން ނެތި އެކަން ނުކުރެެއެވެ.

"ގޮނޑީގައި އެއްތަނުން އަނެއްތަނަށް އަޅުގަނޑުމެން ގެންދަނީ، ގޭ ތެރޭގައި އުޅެނީ ސުކޭޓް ބޯޑުގަ، ސުކޫލުގައި ވިއްޔާ މީހުން ގެންގޮސްދޭނެ، ސުކޫލު މީހުން ވަރަށް ރަނގަޅު،" މާޒުގެ ބޮޑުދައިތަ ފިރިމީހާ އަބްދުﷲ ސޯދިގު ބުންޏެވެ.

މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ އެންމެންގެ ހާއްސަ އެހީތެރިކަމަކާއި އެކު މާޒް އުޅެމުންދިޔަ ނަމަވެސް އެއްތަނުން އަނެއްތަނަށް ދިއުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ފަހަރަކުވެސް މީހަކަށް އާދޭސް ކުރަންޖެހެތީއެވެ. ނަމަވެސް މިއަދު އެވަނީ އެކަން ނިމުމަކަށް ގެނެސްފައެވެ.

ސުކޭޓް ބޯޑުގައި އެއްތަނުން އަނެއްތަނަށް ގޮސް އުޅުނު މާޒް އިލެކްޓޯނިކް ގޮނޑީގައި-- ސަން ފޮޓޯ

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ ދައުވަތަކަށް އައްޑޫއަށް މިހާރު ގޮސް އުޅޭ ދަތުރުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ އަހުމަދު ހިޝާން ވަނީ މާޒަށް "އިލެކްޓްރިކް ވީލްޗެއާ"އެއް ހަދިޔާކޮށްފަ އެވެ.

ކަށީގެ މަޝްހޫރު ޑޮކްޓަރު ހުސެއިން ފައިސަލް ވިދާޅުވި ގޮތުގައި އިލެކްޓްރިކް ވީލްޗެއާ ނުވަތަ މޮޓޮރައިޒްޑް ވީލް ޗެއާ އަކީ ކަރަންޓުން ޗާޖުކޮށްގެން ބޭނުން ކުރާ އެއްޗަކަށްވުމުން އެއްތަނުން އަނެއްތަނަށް ދިއުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ވާނެ އެވެ.

"މިފަދަ ގޮނޑީގައި އަމިއްލައިން އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދެވޭނެ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

މާޒުގެ ބޭބެ ސޯދިގު މިއަދު ވިދާޅުވީ އެގޮނޑިއާއެކު މާޒު މިނިވަންވެއްޖެ ކަމަށާއި އެއީ ބޮޑު އުފަލެއް ކަމަށެވެ.

"އުފަލުން ރޮވުނު، މިނިވަންވީމަ އުފަލުން ރޮވުނު، ވަރަށް އުފަލުން މިހިރީ" ސޯދިގު ބުންޏެވެ.

ހިޝާން ވިދާޅުވީ އޭނާގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ އެފަދަ ފަރާތްތަކަށް މީހަކަށް ބަރޯސާނުވެ އުޅެވޭނެ ގޮތްތަކެއް ހަމަޖެއްސުން ކަމަށާއި އެފަދަ ގޮނޑި ބޭނުންވާ މީހުންކައިރިއަށް ގޮސް ގޮނޑި ހަދިޔާ ކުރާނެ ކަމަށެވެ.

"ނަން ހާމަ ނުކުރަން ނޭދެވޭ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަޅުގަނޑަށް އެހީތެރިވޭ، އެހެންކަމުން ކުދިން ހުރި ތާކަށްގޮސް އެކުދިންގެ ހާލުބަލައި އެހީތެރިވާނަން،" ހިޝާން ވިދާޅުވިއެވެ.

އެފަދަ 21 ގޮނޑި މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދީފައިވާއިރު އޭނާގެ މަގުސަދަކީ އެފަދަ ފަރާތްތަކަށް މިނިވަންކަން ހޯދައިދިނުމެވެ.