މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާ އިރު މި އަހަރުގެ ފުރަތަމަ ތިން މަހުގައި ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 4.3 ޕަސެންޓު އިތުރުވެއްޖެ އެވެ.

ަޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި މާޗް މަހުގެ ޓޫރިޒަމް އަރައިވަލްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 359،053 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރި 344،166 ފަތުރުވެރިންގެ އަދަދަށް ވުރެ 4.3 ޕަސެންޓު އިތުރު އަދަދެކެވެ.

އަހަރަށް ބަލާ އިރު ފުރަތަމަ ތިން މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހާއި މި އަހަރުގެ މާޗް މަހާ އަޅާބަލާ އިރު ވަނީ 2.1 ޕަސެންޓު ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެ އަށް ޒިޔާރާތް ކުރީ 115،131 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު ރާއްޖެ އަށް އައީ 112،665 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީން އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހި ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓު ކަމުގައިވާ ޗައިނާ ފަތުރުވެރިންގެ އަދަދު މާޗު މަހުގައި ވަނީ 16.3 ޕަސެންޓު ދަށްވެފަ އެވެ. ޗައިނާ އަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓުގެ ބޮޑު ބައެއް ހިއްސާ ކުރާ އޭޝިއާ، ސައުތު ޕެސިފިކް ސަރަހައްދުން ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ނަމަވެސް ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން އައި އަދަދު ވަނީ 40،302 އަށް ދަށްވެފަ އެވެ. މިއީ 2.5 ޕަސެންޓްގެ ދަށް އަދަދެކެވެ.

މީގެ އިތުރުން ޔޫރަޕްގެ އެންމެ ބޮޑު މާކެޓްތައް ކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަނުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މާޗް މަސް ތެރޭ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން އިނގިރޭސިވިލާތުން އައި އަދަދު 9.3 ޕަސެންޓް އަދި ޖަރުމަނުން އައި އަދަދު 23 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

މާޗް މަހު އައި ފަތުރުވެރިންގެ އަދަދު ދަށްވި އިރު ރާއްޖޭގެ ޓޫރިސްޓު އެނދުގެ އޮކިއުޕަންސީ ވަނީ 70.9 ޕަސެންޓުން 60.7 ޕަސެންޓަށް ދަށްވެފަ އެވެ.