04 May 2017, 12:25
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ އަނބިކަނބަލުން މިޝޭލްއާ ބައްދަލުވުމުގެ ކުރިން އޮބާމާ ވަނީ އެހެން އަންހެނަކާ ކައިވެނި ކުރަން ހުށަހަޅާފައި ކަމަށް އޮބާމާގެ އާ ބައޮގްރަފީއަކުން ހާމަވެއްޖެ އެވެ.
ޑޭވިޑް ގަރޯ ލިޔެފައިވާ 'ރައިޒިން ސްޓާ: ދަ މޭކިން އޮފް ބަރަކް އޮބާމާ'ގައިވާ ގޮތުން އޮބާމާ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޝީލާ މަޔޯޝީ ޔާގާއާ ކައިވެނި ކުރުމަށް ދެ ފަހަރެއްގެ މަތިން ހުށަހަޅައިފަ އެވެ.
އޮހަޔޯގެ އޮބާލިން ކޮލެޖުގެ ޕްރޮފެސަރެއް ކަމަށްވާ ޔާގާ ބުނި ގޮތުގައި އުމުރުން 25 އަހަރުގައި އޮބާމާ އޭނާއާ ކައިވެނި ކުރަން ހުށަހެޅި އިރު ޔާގާގެ އުމުރުން 23 އަހަރެވެ. އެހެންކަމުން އެއީ ކައިވެނި ކުރަން މާ ހަގު އުމުރެއް ކަމަށް އޭނާގެ މަންމަ ދެކުމުން ކައިވެންޏަށް އިންކާރު ކުރީ އެވެ.
ޔާގާ ބުނި ގޮތުގައި އެދުވަސްވަރަކީ ސިޔާސީ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް އޮބާމާ ނިންމެވި ދުވަސްވަރެވެ. ނަމަވެސް ދޮން ނަސްލުގެ އަންހެނަކާ ކައިވެނި ކުރުމުން އޭނާގެ ސިޔާސީ ހަޔާތަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮބާމާއަށް އިހުސާސުވި ކަމަށް ޔާގާ ބުންޏެވެ.
އޮބާމާގެ އެކަންބޮޑުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފޮތް ލިޔުނު ފަރާތް ކަމަށްވާ ގަރޯ ވެސް ވަނީ ސިޔާސީ ދާއިރާގައި ކުރިއަށް ދާން ބޭނުން ކަޅު ނަސްލުގެ ޒުވާން ފިރިހެނަކު، ދޮން ނަސްލުގެ އަންހެނަކާ ކައިވެނި ކުރުމަކީ އޭނާގެ ސިޔާސީ ހަޔާތަށް ނޭދެވެ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ.
އެކަންބޮޑުވުމާ އެކު ވެސް، ކައިވެނި ކުރަން ފުރަތަމަ އެއްސެވިތާ ތިން އަހަރު ފަހުން އޮބާމާ އަނެއްކާ ވެސް އެސުވާލު ތަކުރާރު ކުރެއްވި ކަމަށް ޔާގާ ބުންޏެވެ. ނަމަވެސް އެފަހަރު ކައިވެނި ކުރަން ހުށަހެޅީ ދެމީހުންގެ ގުޅުން ހީނަރުވަމުން ދިޔުމުގެ ސަބަބުން އެގުޅުން ރަނގަޅު ކުރާނެ އިތުރު ގޮތެއް އެނގިވަޑައިނުގަތުމުން ކަމަށް ލަފާ ކުރެވޭ ކަމަށް ޔާގާ ބުންޏެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޮބާމާ ވަޑައިގެންނެވީ ހާވާޑް ލޯ ސްކޫލަށެވެ. އަދި މިޝޭލް ރޮބިންސަންއާ ދިމާވެ، ދެބޭފުޅުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނީ އެހާހިސާބުންނެވެ.
ރައިޒިން ސްޓާ ނެރެން ހަމަޖައްސާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހެވެ. (ޓެލެގްރާފް)