މެރިކަލްޗާ އެންޓަޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި އެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަކީ ދިވެހި ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ގާއިމްކޮށް ތަރައްގީ ކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގުޅިގެން، ފަސް އަހަރުގެ މުއްދަތަށް ހިންގާ ޕްރޮޖެކްޓެކެވެ.

އެގޮތުން "މެރިކަލްޗާ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އިއްޔެ ވަނީ އިފްތިތާހުކޮށްފަ އެވެ.

ކޮއްޓަށް ހުއިފިލަނޑާ ދޫކުރަނީ --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

އިސްދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މަޝްރޫއާއި އަލަށް ގުޅުނު އިސްދޫ ރައްޔިތުންނަށް، ލޯނު ލިބުނުކަމުގެ ލިޔުން ހަވާލު ކޮށްދެއްވާފައި ވަނީ މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޑރ. މުޙައްމަދު ޝައިނީ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން މިދިޔަ އަހަރު އޮގަސްޓް މަހު ވަނީ ލ. ކަލައިދޫއާއި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ އަޖުމަބެލުމުގެ ގޮތުން 30 ފަރާތަކަށް ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީނުދީ ހުއިފިލަނޑާ ބޮޑުކުރާ ކޮށި ހަވާލުކޮށްފަ އެވެ. އަދި އޮކްޓޯބަރު މަހު ވަނީ ކުދި ހުއިފިލަނޑާ ކޮށިތަކަށް ދޫކޮށްފަ އެވެ.

އިސްދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައިނީ އިސްދޫ ފަރާތަކަށް ލޯނު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ރަސްމީޔާތުގައި މިނިސްޓަރު ޝައިނީ ވަނީ އެ ދެރަށުން ކޮންމެ ރަށަކަށް ޖުމްލަ 50 ކޮށި ހިމެނޭ ގޮތަށް އިތުރު 70 ފަރާތަކަށް ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި އަލަށް އެޅުމަށް ކަނޑައެޅި 70 ކޮށީގެ މަސައްކަތް ވެސް މިހާރު ނިމި ކޮށިތަކަށް ހުއިފިލަނޑާ ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިސްދޫގައި އިއްޔެ އިފްތިތާހު ކުރި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަކީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެ މަޝްރޫގެ ދަށުން ލުއި ލޯނުގެ ގޮތުގައި ހުއިފިލަނޑާ އާލާ ކުރުމަށް ބޭނުން ކުރާ ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާ ދީ، މަސައްކަތް ކުރުމުގެ ތަމްރީނު ފޯރުކޮށްދީގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ހުރިފިލަނޑާ ބޮޑުކުރާ ކޮށިކައިރީ އިސްދޫގެ ބައެއް ރައްޔިތުން ---- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ލ. އަތޮޅުގައި ކުރިއަށްގެންދާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ކުދި ހުއިފިލަނޑާ އަދި މަސައްކަތުގެ އަމަލީ ތަމްރީނު ފޯރުކޮށްދެއް ވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރައްވަމުންގެންދާ ކުންފުންޏެއްކަމަށްވާ ބަރަކަތުލް ބަޚުރު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ހުއިފިލަނޑާ ބޮޑުކުރުކުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ލ. އަތޮލުގައި ކުދި ހުއިފިލަނޑާ ބޮޑުކުރާ ނާސަރީއެއް އެޅުމަށް ވެސް ރާވާފައިވާ ކަމަށެވެ.