04 May 2017, 12:12
މިސްރުގެ އަތުލިޔުންތެރިއެއް ކަމަށްވާ ސައުދު މުހައްމަދު އޭނާގެ އަތުލިޔުމުން ދުނިޔޭގެ އެންމެ ބޮޑު މުސްހަފް (ޚަތިމު) ލިޔެ ނިންމާލައިފި އެވެ.

ސައުދު މުސްހަފް ލިޔުމުގެ މަސައްކަތް ކުރަނީ
ތިން އަހަރު ތެރޭގައި އޭނާ ލިޔެ ނިންމާލި މުސްހަފަކީ އެއްސަފްޙާގެ މުސްހަފެކެވެ. އެއްސަފްޙާގެ އެ މުސްހަފްގެ ދިގުމިނަކީ ހަތްސަތޭކަ މީޓަރެވެ. އެމުސްހަފް ޒީނަތްތެރިކޮށްފައިވަނީ ވެސް އޭނާގެ އަތު ކުރެހުމުންނެވެ. މުސަހަފް ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އޭނާގެ އަމިއްލަ ގޭގަ އެވެ. މިކަމަށް ބަރާބަރު ތިން އަހަރު ސައުދު ހޭދަކޮށްފައިވާ އިރު މިމަސައްކަތަށް ބޭނުންވާ ޚަރަދުކޮށްފައިވަނީ ވެސް އަމިއްލައަށެވެ.

އަތު ލިޔުމާއި ކުރެހުމަށް މަޝްހޫރު ސައުދަކީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ މެދުފަންތީގެ މީހެކެވެ. ސައުދުގެ މަސައްކަތް ދުނިޔޭގެ މަޝްހޫރު ގިނިސް ރެކޯޑް ފޮތަށް އަރާނެ އެވެ. އެއީ އޭނާ ތައްޔާރުކުރި އަތުލިޔުމުގެ މުސްހަފަކީ ދުނިޔޭގައި މިހާތަނަށް ތައްޔާރުކުރި އަތުލިޔުމުގެ އެންމެ ބޮޑު މުސަހަފް ކަމަށްވާތީ އެވެ.

ދުނިޔޭގެ އެކިގައުމުތަކުގައި ޗާޕްކޮށްގެން ނެރެފައިވާ ވަރަށް ބޮޑެތި ސައިޒްގެ މުސްހަފްތައް އެބަހުއްޓެވެ. ނަމަވެސް ސައުދު ތައްޔާރުކޮށްފައި މިވަނީ އަތުލިޔުމުގެ އެންމެ ބޮޑު މުސަހަފެވެ. ސައުދުގެ އުންމީދަކީ ގިނިސް ރެކޯޑް ފޮތަށް އޭނާގެ މަސައްކަތް އެރުވުމުގައި ކޮންމެވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހަތްސަތޭކަ މީޓަރުގެ ދިގު މިމުސްހަފް ގެންގުޅެންޖެހެނީ އޮޅާލައިގެންނެވެ. އެމުސްހަފް ބާއްވަނީ އެކަމަށް ޓަކައި ހަދާފައިވާ ޚާއްސަ ފޮއްޓެއްގަ އެވެ. މުސްހަފް ތައްޔާރުކުރުމުގެ މަސައްކަތްކުރި ތަން ނުވަތަ ވޯކްޝޮޕަކީ އޭނާގެ ގޭގެ ކޮޓަރިކަމަށްވާ އިރު އެތަންވެސްވަނީ ސައުދުގެ އަތު ކުރެހުމުން ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. (އަލްޖަޒީރާ)
