ހައްޖު ކޯޕަރޭޝަން އުފެއްދުމާ އެކު ރާއްޖެ އިން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަންއަށް ވަނީ ދީފަ އެވެ. ނަމަވެސް ދާދިފަހުން އިސްލާމިކް މިނިސްޓްރީ އިން އެ އުސޫލަށް ގެނައި ބަދަލާ އެކު ހައްޖު ކޯޕަރޭޝަންއަށް ކޯޓާ ދޭނެ މިންވަރު ވަނީ މިނިސްޓަރުގެ އިހުތިޔާރީ ކަމަކަށް ކަނޑައަޅައިފަ އެވެ.

ދިވެހި ހައްޖާޖީއަކު އެއާޕޯޓުން ނުކުމެގެން އަންނަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސަން އަށް ވިދާޅުވީ އެކަން އެގޮތަށް އެކުރަނީ ހައްޖަށް މީހުން ގެންދާ އަމިއްލަ ގުރޫޕުތަކުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ތެރޭގައި އެ ގުރޫޕުތަކާ ގުޅުން އޮންނަ ފަރާތްތައް ހިމެނޭ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މަސައްކަތް ކުރައްވަނީ ހައްޖު ކޯޕަރޭޝަން ނައްތާލުމަށް ކަމަށް މުހައްމަދު ޝަހީމް ތުހުމަތު ކުރައްވަ އެވެ.

"އެކަން ކުރަނީ ރައީސްއަށް ނޭނގި ކަމަށް އަޅުގަނޑަށް ވިސްނެގެނީ، ވަޒީރުކަންކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން ރައީސް އާއި ސަރުކާރުގެ ވިސްނުންފުޅު އަޅުގަނޑަށް އިނގޭ،" ޝަހީމް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަން އަކީ ވަރަށް ރަނގަޅަށް ހިނގަމުން އަންނަ ކޯޕަރޭޝަންއަކަށްވާ އިރު އެ ކޯޕަރޭޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް ބަލައި ނުގަންނަ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ޒިޔާދު ސަން އަށް ވިދާޅުވީ އެއީ މިނިސްޓްރީން ހަދާފައިވާ އުސޫލަކަށްވާއިރު އެ އުސޫލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފާސްކޮށްފައިވާ އުސޫލެއް ކަމުން އުސުލުގައި މައްސަލައެއް ނޫޅޭނެ ކަމަށެވެ.

ކުރިއާލާ ހިލާފަށް ތަފާތު ކުރުމެއްނެތި ހައްޖު ކޯޕަރޭޝަންއަށް 50 ޕަސެންޓް ކޯޓާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ހައްޖާޖީއަކު އެއާޕޯޓުން ނުކުމެގެން އަންނަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

"މިދިޔަ އަހަރު އަމަލުކުރިހެން ހައްޖު ކޯޕަރޭޝަންއަށް އަމަލުކުރާނީ. ޕުރޮޕޯސަލް ހުށައެޅުން ފަދަ ކަންކަމުން ހައްޖު ކޯޕަރޭޝަން އިސްތިސްނާވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމިއްލަ ގްރޫޕުތަކުން މީހުން ހައްޖަށް ގެންދިޔަ ދުވަސް ވަރު މަކަރާއި ހީލަތް ހެދުން ފަދަ ކަންކަން ދިމާވުމުން ހާލުގައި ޖެހުނު ފަރާތްތައް ހައްޖަށް ގެންދިޔައީ ހައްޖު ކޯޕަރޭޝަންކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ކުރިމަތިލުމަށް ހުޅުވާލުމުން 16 ޖަމާއަތަކުން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ.