ޔުވެންޓަސްގެ ޖާޒީގައި ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން، ޔޫއެފާ ޗެމްޕިއަންސް ލީގު 100 މެޗު ހަމަކޮށްފި އެވެ.

ބުފޮންގެ 100 ވަނަ މެޗަކީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މޮނާކޯއާ ދެކޮޅަށް ރޭ ކުޅުނު މެޗެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ޔުވެންޓަސް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އުމުރުން 39 އަހަރުގެ ބުފޮން ޔުވެންޓަސްއާ ގުޅުނީ 2001 ވަނަ އަހަރުގެ ތެރޭގަ އެވެ. ބުފޮން ވަނީ އެ ކްލަބާ އެކު ހަތް ފަހަރު އިޓާލިއަން ސެރީއާ ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ދެ ފަހަރު ހޯދައިފަ އެވެ.

މޮނާކޯ އަތުން ރޭ ޔުވެންޓަސް މޮޅުވި މެޗުގައި ބުފޮންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން އޭނާ ވަނީ މޮނާކޯއިން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. އެ މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިން އެވެ.

ޗެމްޕިއަންސް ލީގު 100 މެޗު ބުފޮން ހަމަކުރިއިރު، އޭނާ ވެގެންގޮސްފައި ވަނީ އެއް ކްލަބެއްގެ ޖާޒީގައި ޗެމްޕިއަންސް ލީގު 100 މެޗު ހަމަކުރި އިޓަލީގެ ދެވަނަ ކުޅުންތެރިޔާއަށެވެ. ބުފޮންގެ ކުރިން އޭސީ މިލާންގެ ޖާޒީގައި އިޓަލީގެ ލެޖެންޑް ޕައޮލޯ މަލްޑިނީ ވަނީ ޗެމްޕިއަންސް ލީގު 100 މެޗު ހަމަކޮށްފަ އެވެ. މަލްޑިނީ ވަނީ މިލާންގެ ޖާޒީގައި ޗެމްޕިއަންސް ލީގު 106 މެޗު ކުޅެފަ އެވެ.