އިންޑިއާއާ ދެކޮޅަށް މާދަމާ ރޭ ދިވެހި ޓީމް ކުޅޭ މެޗްގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރުމަށާއި ވިހާވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަށް މާދަމާރޭ ދިވެހި ޓީމްގެ ކެޕްޓަން ބޭންޑް އަޅާ ގޯލް ކީޕަރު އިމްރާން މުހައްމަދު އެދެފި އެވެ.

މެޗާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ޓީމްގެ ކޯޗާއި މެނޭޖްމަންޓުން އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިމްރާން ބުނީ، ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި ޓީމަށް ހިތްވަރު ދޭން ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަށް ޓީމާއި ކުޅުންތެރިންގެ ވަރަށް ބޮޑު އެދޭ ކަމަށެވެ. ކުޅިވަރުގެ ރޫހާ އެއްގޮތަށް މާދަމާ ރޭ ޓީމަށް ސަޕޯޓްކޮށް ދިނުމަށް ވެސް އިމްރާން ވަނީ އެދިފަ އެވެ.

އިމްރާން ބުނީ ދިވެހި ހުރިހާ ސަޕޯޓަރުންގެ ކުރިމަތީގައި ޤައުމު ތަމްސީލް ކުރަން ނުކުންނައިރު، ސަޕޯޓަރުންނަކީ ޓީމްގެ 12 ވަނަ ކުޅުންތެރިޔާ ކަމަށެވެ. ސަޕޯޓަރުންގެ ދައުރު މެޗްގައި ވަރަށް މުހިންމު ކަމަށެވެ. އަދި މިވީހާތަނަށް ވެސް ދިވެހި ސަޕޯޓަރުންގެ ޓީމަށް ދިން ސަޕޯޓަށް އިމްރާން ވަނީ ކުޅުންތެރިންގެ ފަރާތުން ޝުކުރު އަދާކޮށްފަ އެވެ.

"މެޗަށް ނިކުންނައިރު ސަޕޯޓަރުން ވަރަށް މުހިންމު. އިންޑިއާއަކީ ފުޓްބޯޅައިގައި އަބަދުވެސް އަހަރުމެންނާ ޤައުމާ ވާދަވެރި ޤައުމެއް. ސަޕޯޓަރުންގެ ކުރިމަތީގައި މުޅި ގައުމު ތަމްސީލްކުރަން މި ނުކުންނަނީ ހިތްވަރާއެކު. ކުރިއަށް އޮތީ ވަރުގަދަ މެޗްތަކެއް. މިމެޗުން ރަނގަޅު ކާމާބީއެއް ލިބިއްޖެނަމަ ފަހުރުވެރިވާނީ ވެސް ހަމަ ދިވެހި ސަޕޯޓަރުން. އެއް ރޫހެއްގައި ވަރަށް ފޯރީގައި މި ތިބީ މެޗު ކާމިޔާބުކުރަން،" ހުނަރުވެރި ގޯލްކީޕަރު އިމްރާން ބުންޏެވެ.

އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. އަދި އިންޑިއާ ޓީމް ވެސް ވަނީ މި މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. އެގޮތުން ދެ ވަނަ ބުރުގައި އިންޑިއާ ނުކުންނަން ޖެހެނީ ޔޫއޭއީއާ ދެކޮޅަށެވެ.