04 May 2017, 02:17
އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިންގެ ދެ ލަނޑުން ފްރާންސްގެ މޮނާކޯ ބަލިކޮށް، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.
މޮނާކޯގެ ދަނޑުގައި މިރޭ ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގު މެޗުން ޔުވެންޓަސް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ޔުވެންޓަސްއާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޔުވެންޓަސްގެ ގޮންޒާލޯ ހިގުއައިން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައިނުވާއިރު، މެޗުގެ 21 ވަނަ މިނެޓުގައި މޮނާކޯގެ ފަލްކާއޯ ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ޔުވެންޓަސްއިން ނިންމާލީ 1-0 ލަނޑުން ކުރީގައި އޮވެގެންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޑަނީ އަލްވޭސް ނަގައިދިން ހުރަހަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާ ފޯވަޑް ހިގުއައިންއެވެ. އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ މޮނާކޯ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓްފަހުން މޮނާކޯއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މޮނާކޯގެ ކެޕްޓަން ފަލްކާއޯއަށް ބެނާޑޯ ސިލްވާ ރީތި ބޯޅައެއް ދިން ނަމަވެސް، މިރަލެމް ޔަނިކްގެ ސަބަބުން ފަލްކާއޯއަށް އެ ބޯޅައިގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ޔުވެންޓަސްއާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ދެވަނަ ހާފުގައި މޮނާކޯއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް، ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު ވެސް ޔުވެންޓަސްއިން ކާމިޔާބުކުރުމުގައި އަލްވޭސްއާއި ހިގުއައިންގެ ގުޅުން ފާހަގަކޮށްލެވެއެވެ. އަލްވޭސް ނަގައިދިން ހުރަހަކުން އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ހިގުއައިންއެވެ.
މެޗުގެ ފަހުކޮޅު މޮނާކޯއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ބެނާޑޯ ސިލްވާއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯޖިއޯ ކިއެލީނީ ދިފާއުކުރިއިރު، ދެވަނަ ހާފުގެ އިތުރު ވަގުތުގައި މޮނާކޯގެ ވެލޭރެ ޖާމައިން ފޮނުވާލި ހިލޭ ޖެހުމުގެ ހުރަހަކަށްވީ ޔުވެންޓަސްގެ ކީޕަރު ބުފޮންއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި މޮނާކޯއާ ދެކޮޅަށް ޔުވެންޓަސް ނުކުންނަން ޖެހޭނީ އަންނަ އަންގާރަ ދުވަހުއެވެ.