04 May 2017, 08:58
ސޮމާލިއާގެ ރިޔާސީ ގަނޑުވަރު ކައިރީގައި އެގައުމުގެ އޮޑިޓަރު ޖެނެރަލްގެ ބޮޑީގާޑުން ބަޑި ޖަހައި ދިން ހަމަލާއެއްގައި، ޕަބްލިކް ވޯކްސް އެންޑް ރީކޮންސްޓްރަކްޝަން މިނިސްޓަރު އައްބާސް އަބްދުﷲ ޝައިޚް ސިރާޖީ އަވަހާރަވެއްޖެ އެވެ.
ސޮމާލިއާގެ ފުލުހުން ބުނާ ގޮތުގައި އޮޑިޓަރު ޖެނެރަލް ނޫރު ފަރާހުގެ ބޮޑީގާޑުން ބަޑި ޖަހައި ހަމަލާ ދިނީ 31 އަހަރުގެ މިނިސްޓަރު އައްބާސް އިންނެވި ކާރަށެވެ. މި ހަމަލާ ދިނީ އެގައުމުގެ ރިޔާސީ ގަނޑުވަރު ކައިރީގައި ހުރި ޗެކްޕޮއިންޓެއްގަ އެވެ.
މި ހަމަލާ ދިނީ ސޮމާލިއާގައި އަލް ޝަބާބު ޓެރަރިސްޓު ޖަމާއަތުގެ ހަމަލާތަކުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ސޮމާލިއާގެ ވެރިރަށް މޮގަޑިޝޫގައި ހުންނަ ރިޔާސީ ގަނޑުވަރާއި، އަސްކަރީ ފެސިލިޓީތަކާއި ހޮޓެލްތަކަށް ކާރު ބޮމާއި އެހެނިހެން ހަމަލާ ދިނުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ.
ފުލުހުން ބުނީ ޕަބްލިކް ވޯކްސް މިނިސްޓަރު އިންނެވި ކާރު ދިޔައީ އޮޑިޓަރު ޖެނެރަލްގެ ކާރުކޮޅު ފަހަތުން ކަމަށާއި، އެއީ ހަމަލާއެއް ދޭން އުޅުނު ބައެއް ކަމަށް ހީވެ، ބޮޑީގާޑުން އެ ކާރަށް ބަޑި ޖެހީ ކަމަށް ބެލެވޭ ކަމަށެވެ.
މަގާމާ ހަވާލުވިތާ 29 ވަނަ ދުވަހު އަވަހާރަވި މިނިސްޓަރު އައްބާސް އަބްދުﷲއާ އެކު އެ ކާރުގައި އިތުރު މިނިސްޓަރެއް ވެސް އިންނެވި އެވެ. ނަމަވެސް އެ މިނިސްޓަރު ހަމަލާއިން ސަލާމަތްވި އެވެ.
އައްބާސްއަކީ ސޮމާލިއާގެ ކެބިނެޓުގެ އެންމެ ޒުވާން މިނިސްޓަރެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ސޮމާލިއާގެ އިންފޮމޭޝަން މިނިސްޓަރު އަބްދުލްރަހުމާން އުމަރު އުސްމާން ވިދާޅުވީ، އޭނާއަކީ ގައުމަށް ޚިދުމަތް ކޮށްދިނުމުގައި އަރައި ހުންނެވި ޒުވާން ތަރިއެއް ކަމަށެވެ.