ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ބޭބޭފުޅު މިޝާލް ބިން އަބްދުލްއަޒީޒު އާލް ސައުދު އަވަހާރަވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ ބާނީ އަބްދުލްއަޒީޒު އިބުނު ސައުދުގެ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި އެންމެ ދުވަސްވީ އެއް ބޭފުޅާ ކަމުގައިވާ އަމީރު މިޝާލް އަވަހާރަވީ އުމުރުފުޅުން 90 އަހަރުގައެވެ. އިބުނު ސައުދުގެ 45 ފިރިހެން ބޭފުޅުންގެ ތެރެއިން އަމީރު މިޝާލްއަކީ 13 ވަނަ ދަރިކަލުންނެވެ.

އަމީރު މިޝާލް އަވަހާރަވީކަން މިރޭގެ ވަގުތެއްގައި ވަނީ ސައުދީގެ ޝާހީ ދަރުބާރުން އިއުލާނު ކޮށްފައެވެ. ނަމަވެސް މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް މިޝާލްއަށް 2009 ވަނަ އަހަރު ޖެހިވަޑައިގެންނެވި ސްޓްރޯކަކަށް ސްވިޓްޒަލެންޑާއި ލުބުނާނުން ފަރުވާ ހޯއްދެވުމަށްފަހު، މިހާތަނާ ޖެހެންދެން ގެންދެވީ ބޭސް ކުރައްވަމުންނެވެ.

ސައުދީ އަރަބިއްޔާގެ ރަސްކަމަށް އިސްވާނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތަކާ ބައިއަތު ހިފުމުގެ ޒިންމާ އަދާކުރާ "ބައިޢަތު ކައުންސިލް"ގެ ޗެއާމަންކަން 2007 ވަނަ އަހަރުން ފެށިގެން ގެންދެވީ ކުރައްވަމުންނެވެ.

ބައްޕާފުޅު، ރަސްގެފާނު އަބްދުލްއަޒީޒުގެ ދުވަސްވަރު ސައުދީގައި އުފެއްދި "މިނިސްޓްރީ އޮފް އެއާފޯސް"ގެ މިނިސްޓަރުކަމަށް އަމީރު މިޝާލް އައްޔަނުކުރެވުނެވެ. މީގެ އިތުރުން ބޭބޭފުޅު، ރަސްގެފާނު ފައިސަލްގެ ރަސްކަމުގައި މައްކާގެ ގަވަރުނަރުގެ މަގާމުވެސް މިޝާލްއަށް ދެއްވިއެވެ.

ސައުދީ ޝާހީ އާއިލާއާއި ސަރުކާރުގައި ނުފޫޒުގަދަ ބޭފުޅެއްގެ އިތުރުން، އަމީރު މިޝާލް ގެންދެވީ ބޮޑެތި ވިޔަފާރިތަކެއްވެސް ފައްޓަވައި، ހިންގަވަމުންނެވެ. އެގޮތުން ރިއަލް އެސްޓޭޓް، އިންޝުއަރަންސް، ތެލުގެ ވިޔަފާރި އަދި ސިމެންތި އުފެއްދުމުގެ ވިޔަފާރި ހިމެނެއެވެ.

މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގައި ރިއަލް އެސްޓޭޓު ތަރައްގީކުރާ އަލް ޝޫލާ ގްރޫޕުގެ ބާނީއަކީ އަމީރު މިޝާލެވެ. އެ ގްރޫޕުގެ ދަށުން އުފައްދާފައިވާ ސަބްސިޑީ، ޒަހުރާން ގްލޯބަލްއަކީ ޕެޓްރޯލާއި ތެލާއި ގޭސް ފަދަ ތަކެތި އުފައްދައި، އޭގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ.